އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް އާރް. ޕޮމްޕެއޯ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް ދިވެހިރާއްޖޭގެ ހާރިޖިއްޔާއިން ހާމަކޮށްފިއެވެ.
ސެކްރެޓަރީ ޕޮމްޕެއޯގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައި، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުއާއެކު ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ.
މި މަޝްވަރާތަކުގައި ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، ކުރިމަގުގައި ދެ ޤައުމުގެ މެދުގައި ގުޅުން ބަދަހި ކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ދެ ބޭފުޅުން ވާހަކަފުޅު ދައްކަވާނެއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯގެ މި ދަތުރުފުޅަކީ 1992 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު އެމެރިކާގެ އޭރުގެ ޚާރިޖީ ވަޒީރު ޖޭމްސް އެޑިސަން ބޭކަރ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ.
މިނިސްޓަރ ޝާހިދު ވަނީ 2019 ފެބްރުއަރީ 19 ވަނަ ދުވަހު ޕޮމްޕެއޯގެ ދައުވަތަކަށް އެމެރިކާގެ ވެރިރަށް ވޮޝިންޓަންއަށް ވަޑައިގެން ބައްދަލުކުރައްވާފައެވެ.