ކުރީގެ ރައީސް އަބްދުﷲ ޔާމީންގެދައްތާފުޅުގެ ޖަނާޒާއަށް ވަޑައިގަންނަވަންފުރުސަތު ލިބި، ވަޑައިނުގެންނެވި ކަމަށް ބުނާ ހަބަރު ރާއްޖެޓީވީއިން ބްރޮޑްކާސްޓް ކުރީ ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފަށް ނޫންކަމަށް މޯލްޑިސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން ނިންމައިފިއެވެ.
މިއީ މި އަހަރުގެ އޭޕްރިމް މަހުގެ 6 ވަނަ ދުވަހުގެ ރޭ ރާއްޖެޓީވީގެ "60 މިނެޓް" ގައި ގެނެސްދީފައިވާ ހަބަރަކާއި ގުޅިގެން ޕީޕީއެމްއިން ބްރޯޑްކޮމްއަށް ހުށައެޅި މައްސަލައެކެވެ. އެގޮތުން ރާއްޖެޓީވީއިން މި މައުލޫމާތު ގެނެސްދީފައި ވަނީ އެކަމުގެ މައުލޫމާތު ރަނގަޅަށް ސާފުކުރުމެއް ނެތި ޙަޤީޤަތާއި ޚިލާފަށް ކަމަށް އެ މައްސަލާގައި ބަޔާން ކޮށްފައި ވެއެވެ.
މައްސަލަ ބެލުމަށް ފަހު ބްރޯޑްކޮމްއިން ނިންމި ނިންމުމުގައި ބުނެފައި ވަނީ، ދައްތާފުޅުގެ ޖަނާޒާއަށް ވަޑައިގަންނަވަން ފުރުސަތު ލިބި، އެ ފުރުސަތު ބޭނުން ނުހިއްޕެވި ކަމަށް ބުނެ ބްރޯޑްކާސްޓްކުރި ކޮންޓެންޓަކީ، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފަށް ދައްކާފައިވާ ވާހަކަތަކެއް ހިމެނޭ ކޮންޓެންޓެއް ނޫން ކަން ކޮމިޝަންގެ ތަޙުޤީޤަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން، މި މައްސަލައާ ގުޅޭ ކޮންޓެންޓް ރާއްޖެޓީވީއިން ބްރޯޑްކާސްޓް ކޮށްފައި ވަނީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފްޕްރެކްޓިސް އާ ޚިލާފުވާ މިންވަރަށް ކަމަށް ބެލެން ނެތްކަމަށް ކަނޑަޅައި، މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމާފައިވާ ނިންމާފައިވާ ކަމަށް ބްރޮޑްކާސްޓިންގ ކޮމިޝަނުން ވަނީ ބުނެފައެވެ.
މި މައްސަލަ ބްރޯޑްކޮމްއަށް ހުށައެޅި ފަހުން ވެސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި މި ވާހަކަތައް ދައްކަވާފައެވެ. އެގޮތުން ރައީސް ޔާމީންގެ ދައްތާފުޅު އަވަހާރަވުމާއި ގުޅިގެން އެމަނިކުފާނުގެ އާއިލާގެ އަރިހަށް ޒިޔާރަތް ކުރެއްވުމަށް އެދިވަޑައިގަތުމުން، އެދިވަޑައިގެންފައިވާ ގޮތަށް އާއިލާގެ އަރިހަށް ޒިޔާރަތްކުރައްވާ ވަގުތު ހޭދަކުރެއްވުމުގެ ފުރުސަތު ތަނަވަސް ކޮށްދެއްވި ކަން ކަށަވަރު ކޮށް ދެއްވިއެވެ.