ހޯމް މިނިސްޓަރ އައް ޝެއިހް އިމްރާން އަބްދުﷲ ސަރުކާރު ކޯލިޝަންގެ މައިޕާޓީ އެމްޑީޕީއާއި ގުޅިވަޑައިގަތުމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ދައުވަތު ދެއްވައިފިއެވެ.
ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ މިނިސްޓަރ އިމްރާން ކުރައްވާ މަސައްކަތްތައް ބަލައިގަންނަ ކަމަށެވެ.
އެގޮތުން މިނިސްޓަރުގެ މަސައްކަތް ބައްޓަންކޮށްފައިވަނީ، ހޯމް މިނިސްޓަރ ނިސްބަތްވާ އަދާލަތު ޕާޓީގެ ސިޔާސަތުތަކަށް ވުރެ ބޮޑަށް އެމްޑީޕީގެ ސިޔާސަތުތަކުގެ މައްޗަށް ކަމަށެ އެވެ. އޭނާ ވަނީ އެމްޑީޕީއާއި ގުޅިވަޑައިގަތުމަށް ވަޒީރަށް ދައުވަތު ދެއްވާފައެވެ.
އަޅުގަނޑު އެންމެ ބޮޑަށް ފާހަގަކޮށްލަން ބޭނުންވާ ކަމަކީ މިނިސްޓަރ ނިސްބަތްވާ އަމިއްލަފުޅު ޕާޓީއަށް ވުރެ އަޅުގަނޑުމެންގެ ޕާޓީގެ ފިކުރަށް އިސްކަންދީގެން މިނިސްޓަރގެ މަސައްކަތް ބައްޓަންކޮށްފައިވާކަން. އެހެންވެ އަޅުގަނޑުގެ ދާއިރާގެ ނަމުގަ އާއި އަމިއްލަ ނަމުގަ މިނިސްޓަރަށް ޝުކުރު އަދާކުރަން. އަދި އަޅުގަނޑު އެންމެ އަވަހަށް ދެކެން ބޭނުންވަނީ މިނިސްޓަރ އެމްޑީޕީއާ ސޮއިކުރާނެ ދުވަހެއް. އަޅުގަނޑު އެކަމަށް މަރުހަބާ ކިޔާނަން.މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ
މިހެން ވިދާޅުވުމުން މިނިސްޓަރ ވަނީ ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކެއް މަސައްކަތް ކުރަމުންދަނީ އެއް އަމާޒަކަށް ކަމަށާއި މަސައްކަތްކުރައްވަނީ ނިސްބަތްވާ ޕާޓީގެ މެނިފެސްޓޯއާއި ސަރުކާރުގެ މެނިފެސްޓޯ އަކީ އެކައްޗެއްކަމަށް ވިސްނައިގެން ކަމަށެވެ.
އެހެންކަމުން އަޅުގަނޑު ހިމެނޭ ޕާޓީ، ނިސްބަތްވާ ޕާޓީގެ މެނިފެސްޓޯއާއި އަޅުގަނޑުމެން މިއަދު ހިންގާ ސަރުކާރުގެ މެނިފެސްޓޯ އެކައްޗެއްގެ ގޮތުގައި ގަބޫލުކޮށްގެން އަޅުގަނޑުމެން ކުރިއަށް މިދަނީ. އެހެންވީމާ މި ނަތީޖާ ހާސިލު ކުރާނީ އަޅުގަނޑުމެން އެންމެން އެކުގައި. މި ނަތީޖާއިން ދިވެހި ރައްޔިތުންނަށް އުފާ ފާގަތިކަން ހޯދާދިނުމުގެ އުފާ އަޅުގަނޑުމެންނަށް ލިބޭނީ އެންމެން އެކުގައި. އަޅުގަނޑު މިހުރީ އެކުގައި. ތިބޭފުޅުންނާއި އެކު ކުރިއަށް ދިއުމަށް ތައްޔާރަށްހޯމް މިނިސްޓަރ އައް ޝެއިހް އިމްރާން އަބްދުﷲ
ހޯމް މިނިސްޓަރ އިމްރާން ނިސްބަތްވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށެވެ. އޭނާ އަކީ އެ ޕާޓީގެ ރައީސް ވެސް މެއެވެ.