ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބުދަ ދުވަހަށް ތާވަލްކޮށްފިއެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް (ހަލީމްބާއި) އެވެ. އަންގާރަ ދުވަހު "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ހަލީމު ވިދާޅުވީ، ބުދަ ދުވަހު 11:00ށް އެ މައްސަލައިގެ އަޑުއެހުން އޮންނާނެކަން ސުޕްރީމް ކޯޓުން އަންގާފައިވާ ކަމަށެވެ.
މެމްބަރު ޔައުގޫބްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހަޅާފައި ވަނީ އޭނާ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލުގެ މެންބަރުކަމާ ހަވާލުވުމާ ގުޅިގެންނެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) ބުނާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް މެންބަރުން އަދާކޮށްގެން ނުވާނެއެވެ.
ނަމަވެސް ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް މެމްބަރެއްގެ ގޮނޑި ގެއްލޭ ހަތަރު ހާލަތެއް ބަޔާން ކޮށްފައިވެއެވެ. ޤާނޫނީ ބޭފުޅުން ވިދާޅުވާގޮތުގައި މެމްބަރެއްގެ ގޮނޑި ގެއްލޭނެ ހާލަތްތައް ޤާނޫނު އަސާސީގައި ބުނެފައިވާއިރު، އެފަދަ ހާލަތެއް މެދުވެރި ނުވާކަމުގައި ވާނަމަ އެ މެމްބަރެއްގެ ގޮނޑި ނުގެއްލޭނެ އެވެ.
މި މައްސަލާގައި ޔައުޤޫބް ވިދާޅުވެފައިވަނީ، ގޮނޑި ގެއްލިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވީ، އެކަމުގައި ހިޔާލު ތަފާތުވުންތަކެއް ހުރުމުން، އެ ކައުންސިލްގައި އިންނެވުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ދެކި ވަޑައިނުގަންނަވާތީ ކަމަށެވެ.
ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިވިލް ކޯޓުގެ ގާޒީކަން ވެސް ކުރެއްވި، ހަލީމް ވަނީ މީގެ ކުރިން ވެސް މަޖިލީހުގެ ދެ މެމްބަރެއްގެ ގޮނޑީގެ މައްސަލައެއް ސުޕްްރީމް ކޯޓަށް ހުށަހަޅުއްވާފައެވެ. އެއީ މިހާރު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އާއި ކިނބިދޫ ދާއިރާގެ މެމްބަރުގެ މުހައްމަދު ނާޝިޒުގެ ގޮނޑީގެ މައްސަލައެވެ. އެ މައްސަލަ ހުށަހެޅުއްވީ ގެރެންޓީ ދެއްވި ލޯނަކަށް ފައިސާ ނުދެއްކި މައްސަލައަކާ ގުޅިގެންނެވެ.
އެ މައްސަލަ އެތައް ދުވަހެއް ވަންދެން ސުޕްރީމް ކޯޓުގައި ކުރިއަށް ނުގެން ގޮސް ބޭއްވުމަށް ފަހު، އެ ދެ މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އޭރުގެ ސުޕްރީމް ކޯޓުން ނިންމީ އެ ދެ މެމްބަރުން ޑީއާރުޕީން އެމްޑީޕީއަށް ބަދަލުވެ ވަޑައިގެންނެވުމާ އެކުއެވެ.