ދުނިޔެ ބަލިމަޑުކަމެއްގައި އޮތް ދުވަސްވަރެއްގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލަން ނިންމީ ދުނިޔޭގެ ޓްރެންޑްސްތަކަށް ބެލުމަށް ފަހު ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ނައިބު ޑރ. މުހައްމަދު ނައުޝާދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ބޯޑަރުތައް ހުޅުވާލަން ނިންމީ ކޮން ކަންތައްތަކަށް ބެލުމަށް ފަހުގައިތޯ ރާއްޖެޓީވީގެ "ފަލަ ސުރުޙީ" ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ނައުޝާދު ވިދާޅުވީ، ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ބޯޑަރުތައް ބަންދު ކުރުމަށް ފަހު ދުނިޔޭގެ ގައުމުތަކުން އަޅަމުން ގެންދިޔަ ފިޔަވަޅުތައް ވަރަށް ގާތުން މޮނީޓަރ ކުރައްވަމުން ގެންދެވި ކަމަށެވެ.
މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މިހާ ބޮޑު ލޮޅުމެއް އައި ފުރަތަމަ ފަހަރު ކަން ފާހަގަކުރައްވާ ނައުޝާދު ވިދާޅުވީ، ރާއްޖޭގެ ރޫޓް ޝެއާ ކުރާ ގައުމުތައް ކަމަށްވާ ސިންގަޕޯ ފަދަ ގައުމުތަކާއި ފަތުރުވެރިކަމުގައި މަޝްހޫރު އަދި އެސްޓަބްލިޝް ގައުމުތަކުން ބަލިމަޑުކަމާއި ކުރިމަތިލާ ގޮތް މޮނީޓަރ ކޮށް އެ ގައުމުތަކުގައި އަޅަމުން ދިޔަ ފިޔަވަޅުތައް މިނިސްޓްރީއިން ވަރަށް ގާތުން ބަލަމުން ދިޔަ ކަމަށެވެ.
ޔުނައިޓެޑް ނޭޝަންސް ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިޔުޓީއޯ) އިން ބަލިމަޑުކަމާ ގުޅިގެން އެކުލަވާލަމުން އަންނަ ގައިޑްލައިންތަކާއި ނެރެމުން އަންނަ ރިޕޯޓްތައް ވަރަށް ގާތުން މިނިސްޓްރީއިން ދިޔައީ ބަލަމުން ކަމަށް ވެސް ނައުޝާދު ފާހަގަ ކުރެެއްވިއެވެ. އަދި ރާއްޖެ ފަދައިން ޖުލައި މަހުގެ ތެރޭގައި 86 ގައުމަކުން ބޯޑަރު ހުޅުވާލިކަމަށް ދައްކާފައިވާ އިރު، އޭގެ ތެރެއިން 20 ގައުމަކީ ކުދި ޖަޒީރާ ގައުމުތައް ކަމަށް ނައުޝާދު ވިދާޅުވިއެވެ.
ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނައުޝާދު ވަނީ ރާއްޖޭގެ ފަތުރުވެރިކަން ފަށައި ގަނެގެން މިހާތަނަށް އައި އިރު ލިބުނު ކުރިއެރުންތައް ހިއްސާ ކުރައްވާފައެވެ. ފަތުރުވެރިންގެ މެދުގައި މިހާރު ވެސް ރާއްޖެއަށް ބޮޑު ޑިމާންޑެއް އޮތް ކަން ސޯޝަލް މީޑިއާ ވަސީލަތްތަކުގެ އެނަލިސިސްއިން ދައްކާ ކަަމަށް ފާހަގަ ކުރެވިފައިވާ އިރު، ރާއްޖޭގެ ސޯސް މާކެޓްތަކުން އަޅާފައިވާ ކަރަންޓީން ފިޔަވަޅުތަކަށް ލުޔެއް ލިބުމުން މި އަދަދުތައް އިތުރު ވެގެން ދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ޑރ. ނައުޝާދު ވިދާޅުވިއެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދު ހަތަރު ލައްކައަށް އަރާފައިވާ އިރު، ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދުތައް އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އެހެން ނަމަވެސް، ސަރުކާރުން އަމާޒު ހިފާފައިވާ ހަތް ލައްކަ ފަތުރުވެރިންގެ އަމާޒަށް ވާސިލުވުމަށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު 4000 އަށް ވުރެ އިތުރު ވާން ޖެހެއެވެ. މިހާރު ދުވާލެއްގެ މައްޗަށް އެވަރެޖް ކޮށް ރާއްޖެއަށް ޒިޔާރަތްކުރަނީ 500 އެއްހާ ފަތުރުވެރިންނެވެ.