ހަކުޅި ކުރިޔަށް ކުޅެވެނީ އެކުޅި ހިނގާ ހުރިހާ މަގެއް އެނިގެންކަމަށާއި އެކަން ކުރެވޭނީ ތަފާސްހިސާބު ބަލައިގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ ތަފާސްހިސާބުގެ ދުވަހުގައި ޕްލޭނިންގ މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދުވަހުގެ މުނާސަބަތުގައި އިލްތިމާސެއް ކުރައްވާކަމަށެވެ. އެއީ ކުރާ ކޮންމެ ކަމެއްވެސް އެއީ އިނގިގެން މިނިގެން ދެނެގަނެގެން އަދި ދެންވާނެގޮތްވެސް ވިސްނި ކުރެވޭ ކަމަކަށްވާންޖެހޭ ކަމަށެވެ. އަދި އެމަނިކުފާނު އަބަދުވެސް ތަފާސްހިސާބު ބައްލަވާކަމަށާއި ތަފާސްހިސާބު އެއްކުރެވޭތޯވެސް ބައްލަވާކަމަށް ވިދާޅުވެފަ އެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނު އަބަދުވެސް އެއްކޮށްފައި ހުންނަ ތަފާސްހިސާބު ދިރާސާކޮށް އެމައުލޫމާތުން އެއްޗެއް އެނގޭތޯ ބައްލަވަ އެވެ.
ރައިސް ނަޝީދު ވިދާޅުވީ ދިވެހިން ތަފާސްހިސާބު އެއްކުރާތާ ވަރަށް ޒަމާން ވެއްޖެކަމަށެވެ. ރާއްޖޭގައި އެންމެ ކުރިއްސުރެ ފެންނަން އޮތް ލޯމާފާނުން އަދި އޭގެކުރީގައި އެއްޗެއްގައި ލިޔެފައި އޮތްނަމަ އެލިޔުމުންވެސް އެނގެނީ ދިވެހިން ގުނުންތަކުގަޔާއި މިނުންތަކުގައި ވަރަށް ބޮޑަށް މަސައްކަތްކުރަމުން ގޮސްފައިވާކަން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ދިވެހި ރަސްރަސްކަލުން ބުނާނެ ތިމަންނާއަކީ 12 ލައްކަ ރުކުގެ ވެރިޔާއޭ. ރަސްރަސްކަލުންނަކީ ކޮން ބަޔެއްކަން ބަޔާންކުރާއިރު އެތައް ހާސް ޖަޒީރާއަކާއި އަދި އެރަދުންގެ މިލްކުގައިވާ ރުކުގެ އަދަދާއެކު ރަދުން އޭނާގެ ބާރު ބަޔާންކުރާނީ. އެހެންވީމާ އެބައެނގޭ ގުނަންޖެހޭކަން މިރުއް. ރުކުގައި ތަށްޖަހާ. ރުކުގައި ތަށްޖެހުމުގެ މަސައްކަތަކީ ރުއް ގުނުމުގެ މަސައްކަތަކީ ދިވެހިން އެންމެ ކުރީއްސުރެ ފަށައިގެން ކުރަމުން އަންނަ މަސައްކަތެއް. ދިވެހިން ގެ އަތުގައި ބޮލިހުންނާތީވެ އަދި ދިވެހިންނަކީ ބޮލި ހިލާ ބަޔަކަށްވާތީވެ އަދި ދުނިޔޭގެ ގިނަ ތަންތަނާއި އަޅާބަލާއިރު އެންމެ ފަސޭހައިން ބޮލި ހިލޭ ފަޅުތައް އޮތީ ދިވެހިރާއްޖޭގައި ކަމަށްވާތީވެ ބޮލި އެއީ ފައިސާގެ ގޮތުގައި އެތެރެވަރީގައި ބޭނުން ކުރަމުންދިޔައިރުގައި ދިވެިރާއްޖެއަކީ ފައިސާ ޖަހާތަން. އެހެންވީމާ މިބޮލި މިނާފައި ބޮލި ކޮށާރު ތަކުގައި ގުދަންތަކުގައި ވަކިގޮތްތަކަކަށް ވަކިއިރުތަކުގައި ބެހެއްޓުމަކީ ދިވެހި ރަސްރަސްކަލުން އަބަދުވެސް ކުރަމުން އައި ކަމެއް. ދިވެހި ތާރީޚުން ވަރަށް ބޮޑަށް ފެންނަން އޮތް ހަގީގަތެއް.ރައީސް މުހައްމަދު ނަޝީދު
ރައީސް ނަޝީދު ވިދާޅުވީ ޒަމާނުއްސުރެ ދިވެހިން ކުޅިވަރެއްގެ ގޮތުގައި ކުޅެމުން އައި އޮއްވަޅު ގޮނޑިންވެސް ދިވެހިން މިނެކިރުމުގެ ކަންކަން ކުރަމުން އައިކަން އެނގޭކަމަށެވެ. އަދި އޭގެފަހުން ބިމުގައި އުފައްދާ ތަކެއްޗާއި ގުޅުވައި މިނެކިރުމުގެ ކަންކަން ކުރެވި ހިސާބުތައް ޖެހިވެގެން އައިކަމަށާއި އޭގެފަހުން ބޯހިމެނުމުގެ ކަންކަންވެސް ދިވެހިން ވަރަށް ކުރިއްސުރެ ކުރަމުން އައިސްފައިވާކަން ތާރީޚުން އެނގޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ތަފާސްހިސާބުގެ އިލްމަކީ ދިވެހިން ވަރަށް ކުރިއްސުރެވެސް ދެނެގަނެ އަދި ލިބިގަންނަމުން އައި އިލްމެއްކަމަށާއި އޭރުވެސް މިހާރުވެސް ތަފާސްހިސާބުގެ ކަންކަން ކުރަމުން އަންނަނީ ތަރައްޤީގެ މަސައްކަތްކަށް ބޭނުންވާތީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިހާރުގެ ހާލަތަށް ބަލާއިރު ކޮވިޑް-19 އާއި ގުޅިގެން އާންމު ސިއްހަތުގައި ތަފާސްހިސާބުގެ ބޭނުންޖެހިފައިވާ މިންވަރު ދިވެހި ރައްޔިތަކަށް މިހާރު ނޯޅޭނެކަަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ޕަބްލިކް ހެލްތުން އެހިންގާ ޓްރޭސިންގ ގެ މަސައްކަތުގައި އަދި މުޅި މިޕެންޑަމިކް އެކީގައި އޭގެން މިއަރައި ގަންނަނީ އެއްވެސް ހަކީމީ ފަރުވާ އަކާއި ނުލާ. ބޭސްވެރިކަމެއް އެޔަކު ނެތް ކުޑަކޮށްވެސް. ހުސް ތަފާސް ހިސާބު. ގައިދުރު ކުރުން އަދި އަދަދެއް ގުނުން ދެން ވީ ގޮތް ބެލުން. ހަގީގަތުގައި މިކަމުގައި ދެން ކުރީގައި ނުކާ ޕެނަޑޯލް ގުޅައެއް ނުކަނީކީ ނޫން. ބޭސްވެރިކަމެއް ހަކީމީ ފަރުވާއެއް އޮތީކީ ނޫން. މިކަމަށް އޮތީ އަކުރުގެ ހައްލު ސްޓެޓިސްކަލް ހައްލު.ރައީސް މުހައްމަދު ނަޝީދު
މީގެއިތުުރުން ރައީސް ނަޝީދު ވިދާޅުވީ ގުރުދަތީ ގޮތުން އަންނަ ބަދަލުތަކަށާއި ރާއްޖެ އުފެދިފައި މިއޮންނަ ގޮތަށް ބަލާއިރުވެސް އެކަމުގެ މައުލޫމާތުތައް އެއްކުރުމަކީ ބޭނުންތެރިކަމެއް ކަމަށެވެ. އެގޮތުން ރާއްޖެ އުފެދިފައިވާ ގޮތާއި އަދި ކޮންމެ ވެލިފުކެއް ފުރޮޅިގެންގޮސް އޮޔާއި ވަޔާއެކީގައި ގޮސް ހުއްޓެނީ ކޮންތާކަށްތޯ ރާއްޖޭގެ ރަށްތައް ގިރާ މިންވަރާއި ރާއްޖޭގައި ކަނޑުތައް ނުވަތަ ވައި ހުންނަ މިންވަރާއި މިބާވަތުގެ މައުލޫމާތު ދިނުމަކީވެސް ތަރައްޤީއަށް މުހިންމު ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަދި އެފަދަ މައުލޫމާތުތައް ކަމާގުޅޭ އިދާރާއަކުން ބަލަހައްޓަމުން ދާންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެއިތުުރުން މިހާރު ކޮމިޓީގައި އޮތް ތަފާސްހިސާބުގެ ބިލް ޤާނޫނަކަށް ވުމުން މިނިވަން މުއައްސަސާއެއް މިކަމަށް އުފެދި ޤާނޫނީ ބާރުވެރިކަން އެމުއައްސަސާއަށް ލިބިގެންދާނެކަން ރައީސް ނަޝީދު ފާހަަގަކުރެއްވިއެވެ.