ބައެއް ޢަރަބި ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ނަން-ރެޒިޑެންޓް ސަފީރުންނާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.
އަންގާރަ ދުވަހު ވަރޗުއަލް ކޮށް ކުރިއަށް ގެންދިޔަ ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ އުރުދުން، ކުވައިތު، ފަލަސްތީން އަދި ޔަމަނުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި، އޮމާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަންއާ ވެސް ބައްދަލުކުރައްވާފައެވެ. އަދި މިނިސްޓަރ ވަނީ މި ގައުމުތަކާއެކު ރާއްޖޭގެ ހާރިޖީ ގުޅުން ކުރިއަށް ގެންދެވުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.
މިނިސްޓަރު ޝާހިދު ވަނީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ މިހާރުގެ ޙާލަތާއި ބެހޭ މައުލޫމާތު ސަފީރުންނާއި ހިއްސާކުރައްވައި، އެޤައުމުތަކުގެ ޙާލަތާއި ބެހޭ މައުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި އެ ޤައުމުތަކާއެކު އޮންނަ ގުޅުން ބަދަހި ކުރުމާއި، ބައިނަލްއަގްވާމީ މުޖްތަމައުގައި އެކުގައި ގުޅިގެން މަސައްކަތް ކުރުމާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން ކޮވިޑް-19 އާއި ގުޅިގެން އެކި ޤައުމުތަކުން ރާއްޖެއަށް ދެއްވަމުންދާ އެއްބާރުލުން ފާހަގަކުރައްވާ މިނިސްޓަރ ޝާހިދު ވަނީ އެ ޤައުމުތަކަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުވުމަކީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިސްނެންގެވުމަކަށް، އެކި ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ފޮރިން މިނިސްޓްރީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ބޭއްވުނު މިފަދަ ދެވަނަ ބައްދަލުވުމެވެ.
ނިމިދިޔަ ހަފްތާގައި ވެސް މިނިސްޓަރު ޝާހިދު ވަނީ އިރުމަތީ އޭޝިއާގެ ބައެއް ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާ އެކު ވެސް މިފަދަ ބައްދަލުވުމެއް ބާއްވަވާފައެވެ.