ވެންޓިލޭޓަރުތައް ގަތުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހިންގާފައިވާ ކަމަށް ބުނެ ހެލްތް މިނިސްޓަރ އަބްދުﷲ އަމީންގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅިގެން މިނިސްޓަރ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.
"ރާއްޖެއެމްވީ" އަަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މިނިސްޓަރު އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައަޅަން ސޮއި ހޯދުމުގެ މަސައްކަތް ފެށީ، އެމްޑީޕީގެ ޕީޖީ ގްރޫޕުން އެ މައްސަލަ ވައްދަން ފާސް ނުވުމާ ގުޅިގެންނެވެ.
އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައަޅަން ފެނޭތޯ ބަލަން ބޭއްވި ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމުގައި އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައެޅަން ފެންނަ ކަމަށް ވޯޓު ދެއްވާފައި ވަނީ ބައިވެރިވި 58 މެމްބަރުންގެ ތެރެއިން 27 މެންބަރުންނެވެ. އެހެންކަމުން ޕާޓީގެ ވިޕް ނެރެން ބޭނުންވާ އަދަދަށް ވޯޓު ލިބިފައެއް ނުވެއެވެ.
"ރާއްޖެއެމްވީ" އަށް އެނގިފައިވާ ގޮތުގައި އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށްޓަކައި 24 މެންބަރަކު ވަނީ ސޮއިކުރައްވާފައެވެ. އަދި އެ މައްސަލަ މަޖިލިހަށް ހުށައަޅާފައި ވަނީ އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.
މަޖިލިސް ޤަވާއިދު ބުނާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށްޓަކައި ބޭނުންވާނީ މަދުވެގެން 10 މެންބަރުންގެ ސޮއެވެ.