މިނިސްޓްރީ އޮފް ފިނޭންސުން ފާސްކޮށްފައިވާ މުސާރައާއި އިނާޔަތްތަކުގެ ބޭރުން އިތުރު އެއްވެސް އެލަވަންސެއް އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުން ނުނެގުމަށް އެ ކުންފުންޏަށް އެންގުމަށް ނިންމާފައިވާ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒެސް ކޮމިޓީގެ ރިޕޯޓު ފާސްކޮށްފިއެވެ.
މި ރިޕޯޓު ފާސްކޮށްފައިވަނީ 54 މެމްބަރުންގެ ވޯޓާއި އެކުއެވެ. އެ ކުންފުންޏާއި ގުޅުންހުރި މައްސަލަތައް ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީން ދިރާސާކޮށް ނިންމި ރިޕޯޓުގައި ވަނީ މިނިސްޓްރީ އޮފް ފިނޭންސުން ފާސްކޮށްފައިވާ މުސާރައާއި އިނާޔަތްތަކުގެ ބޭރުން އިތުރު އެއްވެސް އެލަވަންސެއް އައިލެންޑް އޭވިއޭޝަންގ ބޯޑު މެމްބަރުންނާއި ސީނިއަރ މެނޭޖްމެންޓްގެ ބޭފުޅުންނާއި ޓެކްނިކަލް އަދި އިދާރީ މުވައްޒަފުން ނުނެގުމަށް އެ ކުންފުންޏަށް އެންގުމަށެވެ.
ކޮމިޓީން މިގޮތަށް ނިންމާފައިވަނީ އެ ކުންފުނީގެ އިސްވެރިންގެ މުސާރަ މިނިސްޓްރީގެ ގަވާއިދާ ހިލާފަށް ބޮޑު ކުރި މައްސަލަ ބެލުމަށް ފަހުއެވެ. މިކަމާ ގުޅިގެން އެކުލަވާލި ކޮމިޓީ ރިޕޯޓުގައި ވަނީ މުސާރަ ބޮޑު ކޮށްފަައި ވަނީ ފިނޭންސްގެ އުސޫލުތަކާ ހިލާފަށް ކަމަށާއި އިތުރަށް ނަގާފައިވާ ފައިސާއާ މެދު އަމަލުކުރާނެ ގޮތެއް ކަނޑައަޅައި މިކަމާ ގުޅޭ ގޮތުން ނިންމި ނިންމުން ތަފްސީލުކޮށް ކޮމިޓީއަށް ހުށައެޅުމަށެވެ.
އެހެން ނަމަވެސް، ރިޕޯޓު ތަޅުމަށް ހުށައެޅުއްވި އިރު، އެ ފައިސާ އަނބުރާ ހޯދާފައިވާ ކަމަށް އެ ކޮމިޓީގެ މުގައްރިރު ތަޅުމުގައި ރިޕޯޓް އިއްވެވި ގަޑީގައި ވަނީ ވިދާޅުވެފައެވެ.