އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށައެޅުމަށް ނިންމަވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން މުހައްމަދު (ހަސަންޓޭ) ވިދާޅުވެއްޖެއެވެ.
އޭސީސީން ކުރިއަށްގެންދާ ތަހުޤީޤުތަކުގެ ފެންވަރު ދަށްކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ މި ދަނޑިވަޅުގައި މެމްބަރު ޙަސަންޓޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަންގާރަ ދުވަހު އޮންނަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އޭސީސީގެ މެމްބަރުން ވަކި ކުރަން އެދި ހުށައަޅުއްވާނެ ކަމަށެވެ. އެގޮތުން މެމްބަރު ޙަސަންއާއި މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ވަނީ މީގެ ކުރިންވެސް އޭސީސީގެ ތަޙުޤީޤުތައް ލަސްވުމާއި، ތަހުޤީޤުތަކުގެ ފެންވަރު ދަށް މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
އޭގެ އިތުރުން، ބޮޑެތި ވައްކަމާއި ޙިޔާނާތުގެ ތުހުމަތު ކުރެވޭ މީހުން އެ ފައިސާއިން ވިޔަފާރި ކުރަމުންދާއިރު، އިންސާފުގެ ކުރިމައްޗަށް ނުގެނެވި ލަސްވަމުންދާކަން ފާހަގަ ކުރައްވައި މެމްބަރު ޙަސަން ވަނީ އޭސީސީގެ މައްޗަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.
އޭސީސީން ތަހުޤީޤު ނިންމައި ދައުވާ ކުރަން ފޮނުވި މައްސަލަތަކުގެ ތެރެއިން ކުރީގެ ފިނޭންސް މިނިސްޓަރުންނަށް ދައުވާކޮށްދިނުން އެދި ފޮނުވި މައްސަލަވެސް ތަހުޤީޤު އިތުރަށް ފުރިހަމަ ކުރުމަށް ބުނެ ޕީޖީ އޮފީހުން ވަނީ މައްސަލަ އަނބުރާ ފޮނުވާލާފައެވެ. އޭގެ އިތުރުން ހެލްތް މިނިސްޓްރީގެ ވެންޓިލޭޓަރުތަކާ ގުޅޭ ބޮޑު ކޮރަޕްޝަން މައްސަލަވެސް ޕީޖީ އޮފީހުން ވަނީ އަނބުރާ ފޮނުވާލާފައެވެ.
އެކަމާ ގުޅޭގޮތުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ކުރެއްވި ޓްވީޓެއްގައިވެސް ވަނީ އޭސީސީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން މަޖިލީހުގެ ކޮމިޓީއަށް އޭސީސީ ހާޒިރުވާން އަންގާފައި އޮތް ދުވަހަށް އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާތީ މައްސަލަ ހުށައެޅުއްވީ ތަހުޤީޤު ނުނިންމައި ހަމައެކަނި ކޮމިޓީއަށް ހާޒިރުވާން ޖެހޭތީތޯ އޭރުވެސް ކޮމިޓީގެ މެމްބަރުންވެސް ސުވާލު އުފައްދަވާފައިވެއެވެ.