ރާއްޖޭގެ 21 ރަށެއްގައި 75 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭގެ އެންމެ ފަހުގެ މައުލޫމާތުތައް ދައްކާ ގޮތުން އަތޮޅު ތ މި ބައްޔަށް ފަރުވާ ހޯދަމުން އަންނަ 75 މީހުންގެ ތެރެއިން 71 މީހުންނަކީ ދިވެހިންނެވެ. އަދި ހަތަރު މީހުންނަކީ ބިދޭސީންނެވެ.
މާލެ ފިޔަވައި އެހެން ރަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް މިވަގުތު އެކްޓިވް ކޭސްތައް ހުރީ ލ. ކައްދޫގައެވެ. އެއީ 33 ދިވެހިންނެވެ. ކައްދޫއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން ދެ މީހުންނަކީ ފުރަބަންދުގައި ތިބި މީހުންނެވެ. އަދި 31 މީހުންނަކީ އެ މީހުންގެ ކޮންޓެކްޓުންނެވެ.
މީގެ އިތުރުން ލޯކަލް ޓްރާންސްމިޝަންއެއް މިހާރު ފެނިފައިވާ ހދ. ކުޅުދުއްފުށިން ވެސް 11 މީހަކު މިހާރު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. ކުޅުދުއްފުށިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ އަށް ދިވެހިންނާއި ތިން ބިދޭސީންނެވެ. މީގެ ގިނަ ކޭސްތައް ނިސްބަތް ވަނީ އެ ސަރަހައްދުގައި ހާއްސަ ހުއްދައެއްގެ ދަށުން އެއް ރަށުން އަނެއް ރަށަށް ގޮސް އުޅުނު ފުލުހުންގެ ކްލަސްޓަރއަކާއެވެ.
އެހެން ރަށްރަށަށް ބަލާއިރު، ހއ. ހޯރަފުށީގައި ފުރަބަންދުގައި ހުރި ދެ ދިވެހިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އެ އަތޮޅު ދިއްދޫއިން ވެސް ތިން ދިވެއްސަކާއި އެއް ބިދޭސީއަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި ހދ. ހަނިމާދޫ. ހދ. ނޮޅިވަރަމް އަދި ކުރިނބީއިން ވެސް ޕޮޒިޓިވް މީހުން ވަނީ ފެނިފައެވެ.
ރ. އަތޮޅަށް ބަލާއިރު، އެ އަތޮޅު ވާދޫއިން ފުރަބަންދުގައި ހުރި ހަތަރު ދިވެއްސެއް ޕޮޒިޓިވްވެފައިވާ އިރު، ރަސްގަތީމުން ފުރަބަންދުގައި ހުރި ދިވެއްސެއް އަދި ދުވާފަރު ފުރަބަންދުގައި ހުރި ދެ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
އޭގެ އިތުރުން ބ. އޭދަފުށި، ބ. ކެންދޫ، ޅ. ކުރެންދޫ، ޅ. ނައިފަރު، ތ. މަޑިފުށި، ގއ. ކަނޑުހުޅުދޫ، އަދި ގއ. ކޮލަމާފުށިން ވެސް ކޮވިޑް ބަލި ޖެހިފައިވާ މީހުން ވަނީ ފެނިފައެވެ. އަދި ލ. ގަން ފުރަބަންދުގައި ހުރި ތިން މީހުން މިވަގުތު ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު، ގދ. ތިނަދޫ އަދި ޏ. ފުވައްމުލަކުން ބައްޔަށް ޕޮޒިޓިވްވެފައިވާ ވަނީ ފުރަބަންދުގައި ހުރި ދެ މީހުންނެވެ.
ކޮވިޑް ބަލި މީހުންގެ ފަރުވާއަށް ހާއްސަކޮށްގެން އަތޮޅު ތެރޭގައި ޒޯންތަކެއް ކަނޑައެޅިގެން ގާއިމް ކޮށްފައިވާ ކޮވިޑް ފެސިލިޓީތަކުގެ ތެރެއިން، މި ވަގުތު ބަލި މީހަކު ހުރީ ށ. އަތޮޅު ކޮވިޑް ފެސިލިޓީއެވެ. މި ފެސިލިޓީގައި މި ވަގުތު ފަރުވާ ދެމުން އަންނަނީ އެންމެ މީހަކަށެވެ.