އިސްލާމް ދީނަށް ފުރައްސާރަކުރި ބިދޭސީ މީހާ ޑީޕޯޓް ކޮށްލައިފިއެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި މަސްތުގެ ހާލަތުގައި ހުރެ އިސްލާމް ދީނަށް ފުރައްސާރަ ކުރި އިންޑިއާގެ މިހާ ވަނީ އެއްގޮތަކަށް ވެސް ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓް ކޮށްލާފައެވެ. އެގޮތުން އެމީހާ ޑީޕޯޓްކޮށްފައި ވަނީ އޮކްޓޫބަރ މަހުގެ 13 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ.
މަސްތުގެ ހާލަތުގައި އުޅުނު އެ މީހާގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާ އިރު، ފުލުހުން ވަނީ އޮގަސްޓް މަހުގެ ދެ ވަނަ ދުވަހު އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އެމީހާގެ ބަންދާ މެދެ ގޮތެއް ނިންމަން ކޯޓަށް ދިއުމުން، ކޯޓުން އޭނާ ދޫކޮށްލި ނަމަވެސް ފުލުހުން ވަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރާނެ ކަމަށް ބުނެފައެވެ.
އެ މީހާ އިސްލާމް ދީނަށް ފުރައްސާރަކޮށް އެއްޗެހި ގޮވާފައިވާ ވީޑިއޯ އާންމުވެފައިވާ އިރު، އެ ވީޑިއޯގައި އޭނާ ވަނީ ރާއްޖޭގެ ކޯޓުތަށް ކޮންޓްރޯލް ކުރާނެ ކަމަ ށްބުނެ ފުލުހުންނަށް އިންޒާރު ވެސް ދީފައެވެ. އަދި ސޯޝަލް މީޑިއާގައި އާންމުވެގެންދިޔަ ވީޑިއޯއެއްގައި އޭނާ ވަނީ މަސްތުގެ ހާލަތުގައި ހުރި ރޭ ހިނގާދިޔަ އެއްވެސް ކަމެއް ހަނދާނުގައި ނެތް ކަމަށާއި އޭނާގެ ވޮލެޓުވެސް ގެއްލުނު ކަމަށް ބުނެފައެވެ.
މީގެ އިތުރުން އޭނާގެ ފަރާތުން އެއްވެސް މީހަކަށް އަނިޔާ އެއް ލިބޭ ފަދަ ގޮތަކަށް އަމަލު ކުރެވިފައިވާ ނަމަ އެކަމަށް މާފަށް އެދޭ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.