ނައިފަރުގެ ނަރުދަމާގެ މަސައްކަތް ނުނިމި އެމައްސަކަތް ހުއްޓިފައިވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށް ދިނުމަށް ސަރުކާރަށް ގޮވާލައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު މަޖިލީހަށް ހުށަހަޅުއްވާ ގަރާރު އިއްވުން އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފިއެވެ.
ޝިޔާމުގެ އެ ގަރާރުގެ އިތުރުން، އަންގާރަ ދުވަހުގެ މަޖިލީހުގައި އެޖެންޑާ ކޮށްފައިވަނީ، ނުނިމި ހުރި މަސައްކަތްތަކުގެ ތެރެއިން، ސަރުކާރުގެ ފަރާތުން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހުށަހަޅުއްވާފައިވާ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދެވުން ހިމެނޭއިރު، ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުالله ވަޙީދު ހުށަހަޅުއްވާފައިވާ، ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ޚިދުމަތްތަކުގެ ބިލުގެ ބަހުސް ކުރިއަށް ގެންދެވުން ހިމެނެއެވެ.
ކޮމެޓީތަކުން ހުށަހަޅާ ކަންކަންމުގެ އެޖެންޑާގެ ދަށުން، އަންގާރަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާކޮށްފައި ވަނީ، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާ ގުޅުން ހުރި މައްސަލަތައް ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި، ދިވެހިރާއްޖޭގެ ފައިސާ އިން ނުވަތަ ބޭރުގެ ފައިސާއަކުން ނަމަވެސް ޕޭމަންޓް އިންސްޓްރަކްޝަންތަކާއި ފައިސާ ޓްރާންސްފަރތައް ފޮނުވުމާއި ލިބުން އަދި ޕްރޮސެސް ކުރުމާއި ގުޅުން ހުރި އެންމެހައި ކަންކަން ހިމެނޭ ދިވެހިރާއްޖޭގެ ޤައުމީ ޕޭމަންޓް ސިސްޓަމް ގާއިމު ކުރުމާއި ގުޅޭގޮތުން އެކުލަވާލާފައިވާ ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ޚިދުމަތްތަކުގެ ބިލް ހުށަހަޅައި އެ ބިލްގެ ބަހުސްގެ ފަށާފައެވެ.
މީގެއިތުރުން، ހޯމަ ދުވަހުގެ ޖަލްސާގެ ވަކި ހިސާބަކުން މަޖިލިސް، މުޅި މަޖިލީހުގެ ކޮމެޓީއަކަށް ގޮސް، އެ ކޮމެޓީގައި ދައުލަތުގެ ދަަރަންޏާ ގުޅޭގޮތުން މުހިއްމު ބަހުސްތަކެއް ކުރައްވާފައިވެއެވެ.