ދިވެހިރާއްޖޭގެ ބިން ހެޔޮގޮތުގައި ބޭނުން ކުރުމަށް މަގުފަހި ކުރުމުގެ އިތުރުން ބިމުގެ ބޭނުން ދެމެހެއްޓެނެވި ގޮތެއްގައި ޕްލޭންކޮށް ތަރައްޤީ ކުރުމުގައި އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ތަރައްޤީކޮށް މަގުފަހިވާނެ ގޮތަށް ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލް ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފި އެވެ.
މި ބިލް ދިރާސާ ކުރަނީ 3 ކޮމިޓީއަކުންނެވެ. އެއީ ގައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީ އަދި އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއެވެ.
މި ބިލް ބަލައިގަތުމަށް ފެނޭތޯ ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 50 މެމްބަރުންގެ ވޯޓުގެ އިއްތިފާގުން ވަނީ ބިލް ބަލައިގަތުމަށް ފާސްވެފައެވެ.
ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ ވިލުފުށި ދާއިރާގެ މެމްބަރ ހަސަން އަފީފެވެ. ބިލް ހުށަހަޅުއްވަމުން ހަސަން އަފީފް ވިދާޅުވީ ސަރުކާރުން މި ބިލް މަޖިލީހަށް ހުށަހެޅުމުގެ އެންމެ ބޮޑު ބޭނުމަކީ މިއަދާ ހަމައަށް އައިއިރުވެސް ރާއްޖޭގެ ބިންތައް ހެޔޮގޮތުގައި ބޭނުން ކުރެވޭނެ ނިޒާމެއް ނުވަތަ އިންތިޒާމެއް ހަމަޖެހިފައި ނެތުމުން ބިން ހެޔޮގޮތުގައި ބޭނުން ކުރުމަށް މަގުފަހި ކުރުމަށްޓަކައި ކަމަށެވެ. ހަސަން އަފީފު ވިދާޅުވީ ބިން ބޭނުން ކުރަމުން ދިޔައީ އަބަދުވެސް އޭރަކު ބޭނުންވާ ގޮތަކަށް ކަމަށާއި އޭގެ އެންމެ ބޮޑު އެއް މިސާލަކީ ވެރިކަން ކުރާ ސިޓީ މާލެ ކަމަށެވެ.
މި ބިލް ޤާނޫނަކަށްވެ އަމަލު ކުރަން ފެށުމުން ރާއްޖޭގެ ހުރިހާ ބިމެއް ބޭނުން ކުރާނެ ގޮތާއި ތަރައްޤީ ކުރާނެ ގޮތް ހިމެނޭ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމާއި ބެހޭ ގައުމީ ސިޔާސަތުތައް ތަންފީޒު ކުރުމާއި ބިލް ތަންފީޒު ކުރުމަށް ކުރަން ޖެހޭ އެންމެހައި ކަންކަން ކުރުމަށްޓަކައި ނޭޝަނަލް ޕްލޭނިންގ އޮތޯރިޓީގެ ނަމުގައި ސަރުކާރުން އިދާރާއެއް އުފެދިގެންދާނެއެވެ. މި އޮތޯރިޓީގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ޕްލޭނިން އިދާރާތަކުން އުފައްދާ ޕްލޭންތައް ޕްލޭނިންގ އެސެސްމަންޓް ކޮމިޓީގެ ލަފާގެ މަތިން ފާސް ކުރުމާއި ޕްލޭނިންގ އާ ބެހޭ ސިޔާސަތު ކަނޑައެޅުމަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުމާއި އެ ސިޔާސަތުތަކަށް ގެންނަން ފެންނަ ބަދަލުތައް މިނިސްޓަރަށް ހުށަހަޅުން ފަދަ ކަންކަން ހިމެނެ އެވެ.
މި އެސެސްމެންޓް ކޮމިޓީގައި 9 މެމްބަރުން ތިއްބަވަން ޖެހޭއިރު ކޮމިޓީއަށް މެމްބަރުން އައްޔަނުކޮށް ވަކި ކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. މީގެއިތުރުން މި ބިލްގެ ދަށުން ބިން އެންމެ ހެޔޮގޮތުގައި ތަރައްޤީ ކުރުމަށް މަގުފަހި ކުރުމުގެ ގޮތުން ކަމާއި ގުޅޭ އިދާރާތަކުން ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައިވާ މިންގަނޑުތަކާއި އެއްގޮތަށް ފިޒިކަލް ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭނެއް ތައްޔާރު ކުރަން ޖެހެއެވެ. މި ބިލް ބުނާގޮތުން ޕްލޭންތައް ފާސް ކުރާނީ ޕްލޭނިންގ އެސެސްމަންޓް ކޮމިޓީގެ ލަފާގެ މަތިން އޮތޯރިޓީން ކަމަށެވެ.
މި ބިލްގެ ބަހުސްގެ މަރުހަލާގައި މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވަނީ މަޖިލީހަށް ވަޑައިގެން ބިލާއި ގުޅޭގޮތުން ތަފްސީލީ މައުލޫމާތުތަކެއް މެމްބަރުންނާއި ހިއްސާ ކުރައްވާފައެވެ.
ބިލްގެ ބަހުސްގެ މަރުހަލާގައި މެމްބަރުން ވަނީ މިއީ މުހިންމު ބިލެއް ކަމަށާއި ބިލްގައިވާ މެމްބަރުން ކަންބޮޑުވާ ކަންތައްތަކާއި ބިލާއި ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައި ދިނުމުގެ ކަންކަން ކޮމިޓީ މަރުހަލާގައި ކުރިއަށް ދާންޖެހޭ ކަމަށް ވިދާޅުވެފައެވެ.