ކ. މާލެ
|
19 އޮކްޓޯބަރ 2020 | ހޯމަ 13:42
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ
ޕޭމަންޓް ސިސްޓަމްތަކާއި ޕޭމަންޓް ޚިދުމަތްތައް ރެގިޔުލޭޓްކޮށް އެފަދަ ސިސްޓަމްތައް ހިންގުމާއި ގުޅޭ ބިލް ހުށަހަޅާ ބަހުސް ފަށައިފި
ސަރުކާރުގެ ފަރާތުން މިބިލް ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެމްބަރ އަބްދުﷲ ވަހީދު
މިބިލްގެ ދަށުން ގާއިމުކުރެވޭ ގައުމީ ޕޭމަންޓް ސިސްޓަމް ރެގިޔުލޭޓްކޮށް ހިނގާ ނުހިނގާ ގޮތް ބަލާނީ އެމްއެމްއޭއިން

ދިވެހިރާއްޖޭގެ ފައިސާއިން ނުވަތަ ބޭރުގެ ފައިސާއަކުން ނަމަވެސް ޕޭމަންޓް އިންސްޓްރަކްޝަންތަކާއި ފައިސާ ޓްރާންސްފަރތައް ފޮނުވުމާއި ލިބުން އަދި ޕްރޮސެސް ކުރުމާއި ގުޅުން ހުރި އެންމެހައި ކަންކަން ހިމެނޭ ދިވެހިރާއްޖޭގެ ޤައުމީ ޕޭމަންޓް ސިސްޓަމް ގާއިމުކުރުމާއި ގުޅޭގޮތުން އެކުލަވާލާފައިވާ ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ޚިދުމަތްތަކުގެ ބިލް ހުށަހަޅާ އެބިލްގެ ބަހުސްގެ ފަށައިފި އެވެ.

ސަރުކާރުގެ ފަރާތުން މިބިލް ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެމްބަރ އަބްދުﷲ ވަހީދެވެ. ބިލް ހުށަހަޅުއްވަމުން އަބްދުﷲ ވަހީދު ވިދާޅުވީ މިބިލް ހުށަހަޅުއްވަނީ ޕޭމަންޓް ސިސްޓަމްތަކާއި ޕޭމަންޓް ޚިދުމަތްތައް ރެގިޔުލޭޓްކޮށް އެފަދަ ސިސްޓަމްތައް ހިންގުމާއި ގުޅޭ އުސޫލުތައް ބަޔާންކުރުމާއި އެފަދަ ސިސްޓަމްތައް ރެގިޔުލޭޓްކުރާ ފަރާތެއްގެ ހައިސިއްޔަތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މަސްއޫލިއްޔަތުތަކާއި ސިސްޓަމްތައް އޮޕަރޭޓްކުރާ ފަރާތްތަކަށް ހުއްދަ ނުވަތަ ލައިސަންސް ދިނުމާއި ސިސްޓަމްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއިގުޅޭ އުސޫލުތައް ބަޔާން ކުރުން ކަމަށެވެ. އަދި ސިސްޓަމްގެ ޚިދުމަތްތަކާއި ގުޅޭ ކަންކަމާއި ޤާނޫނާއި ގަވާއިދާ ޚިލާފަށް ސިސްޓަމް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާއި ގުޅޭ އުސޫލުތައް ބަޔާން ކުުރުމަކީ ވެސް މި ބިލްގެ ބޭނުމެއް ކަމަށް އަބްދުﷲ ވަހީދު ވިދާޅުވިއެވެ.

މި ބިލްގެ ދަށުން ގާއިމު ކުރެވޭ ގައުމީ ޕޭމަންޓް ސިސްޓަމް ރެގިޔުލޭޓްކޮށް ހިނގާ ނުހިނގާ ގޮތް ބަލާނީ އެމްއެމްއޭ އިން ކަމުގައި ބިލްގައި ބަޔާންކޮށްފައިވެ އެވެ.

ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް އޮތޯރިޓީއާއި ގުޅޭގޮތުން އެމްއެމްއޭއަށް ލަފާދިނުމަށްޓަކައި މި ޤާނޫނުގެ ދަށުން އޮތޯރިޓީން އެކުލަވާލާ ގަވާއިދެއްގެ ދަށުން ނޭޝަނަލް ޕޭމަންޓް ކައުންސިލް ނަމުގައި ކައުންސިލެއް އުފައްދަންވާނެ ކަމަށް މިބިލްގައި ބަޔާންކޮށްފައިވޭ. މިބިލްގެ ދަށުން ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުން ދޭ ޚިދުމަތްތައް އޮޑިޓްކުރުމަށް އެކްސްޓަރނަލް އޮޑިޓަރެއް އައްޔަނުކުރަންޖެހޭނެ. އަދި އޮޑިޓަރުންގެ މަސައްކަތް އެއްބަސްވުމާއި ގުޅޭ އުސޫލުތައް އޮތޯރިޓީއަށް ހުށަހެޅުމުން ގެންދަވްނާނެ ގޮތުގެ ތަފްސީލާއި އިތުރު އޮޑިޓަރެއް މެދުވެރިކޮށް އޮޑިޓްކުރަންޖެހޭ ހާލަތްތައް މިބިލްގައި ހިމިނާފައިވޭ.
ދިއްދޫ ދާއިރާގެ މެމްބަރ އަބްދުﷲ ވަހީދު

ބިލް ހުށަހަޅުއްވަމުން އަބްދުﷲ ވަހީދު ވިދާޅުވީ މިބިލް ޤާނޫނަކަށްވުމުން މީގެކުރިން ހިންގަމުން އައި ޕޭމަންޓް ސިސްޓަމްތަކުން އަމަލު ކުރަމުން އައި އުސޫލުތައް މި ބިލްގައި ބަޔާންކޮށްފައިވާ ކަމަށެވެ. މިގޮތުން އެފަދަ ފަރާތްތަކުން މިޤަނޫނަށް އަމަލު ކުރަން ފަށާތާ ތިން މަސް ދުވަސް ތެރޭގައި މި ޤާނޫނުގެ ދަށުން ދޫކުރާ ލައިސަންސް ނުވަތަ ހުއްދަ ހޯދަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށްވެސް އަބްދުﷲ ވަހީދު ވިދާޅުވިއެވެ.

މި ބިލް ހުށަހެޅުއްވުމާއި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މިބިލުން އަދިވެސް ސާފު ނުވާ ކަންތައްތަކެއް ހުރީތީ މި ބިލާއި ގުޅޭގޮތުން ކަމާގުޅޭ ފަރާތްތައް މަޖިލީހަށް ގެނެސް މެމްބަރުންނަށް މިކަމުގެ މައުލޫމާތުތައް އަރުވޭނެ އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށް ވިދާޅުވެފައެވެ. މި ބިލުގައިވާ ކަންކަން ސަރުކާރު މެމްބަރުންނަށް ސާފުނުވާ ކަމަށް ވިދާޅުވެ ސަރުކާރުގެ ބައެއް މެމްބަރުން ވާހަކަ ދެއްކެވުމުން އިދިކޮޅު މެމްބަރުން ވަނީ ސަރުކާރާއި އެމްޑީޕީގެ ޕީޖީ ގްރޫޕާ ދެމެދު ބިލްތައް ހުށަހަޅާއިރު އެކަމާއި ގުޅޭގޮތުން މައުލޫމާތު ބަދަލު ނުކުރެވޭ ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ.

- ކޮމެންޓް