މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި އިތުރު ގްރޭޑްތަކުގެ ދަރިވަރުން ސްކޫލަށް ގެނެސްގެން ކިޔަވައި ނުދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއިއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ ހާލަތަށް ބަލާފައި ސްކޫލް ހުޅުވުމުގެ ކަންކަން ކުރިއަށް ގެންދަވާ ކަމަށާއި، މިހާރު މިދާގޮތަށް ކުރިއަށް ގެންދާނަމަ ގްރޭޑް 7 ގެ ދަރުވަރުން މި މަހުގެ 25 ވަނަ ދުވަހު ސްކޫލަށް ގެންނާނެ ކަމަށެވެ. ހޯމަ ދުވަހު ވަނީ ގްރޭޑް 8 ގެ ދަރިވަރުންނަށް ވެސް ސްކޫލަށް ގެނެސްގެން ކިޔަވައިދޭން ފަށާފައެވެ.
ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ ގްރޭޑް 7ށް ކިޔަވައިދޭން ނިންމާފައިވީ ނަމަވެސް އޭގެ ފަހުން ހާލަތަށް ބަލާ އިތުރު ގްރޭޑަކަށް ކިޔަވައިދޭން ބަލާ އިރު އޮންނާނީ ދަރިވަރުންގެ އިމްތިހާނު ކަމަށާއި، އެހެންކަމުން މިއަހަރުގެ ބާކީ އޮތް ދުވަސްކޮޅަކީ އަލަށް ކުދި ބަޔަކު ގެނެސްގެން ކިޔަވައިދޭން އެކަށީގެންވާ ވަގުތެއް ނޫން ކަމަށެވެ.
"އެހެންވީމާ ގްރޭޑް 7ން ދަށުގެ ކުދިން ގޭގައި ތިބެގެން މިހާރު ވެސް އޮންލައިންކޮށް ޓީޗަރުން ކުދިންނަށް ކިޔަވައިދިނުމުގެ ކަންކަން ކުރިއަށް އެ ގެންދަވަނީ. އެހެންމެ ޓެލިކްލާސް ވެސް ކުރިއަށް އެދަނީ. ދެން ހުރި ގްރޭޑްތަކަށް އެގޮތަށް ދާނެ ކަމަށް މި ބެލެވެނީ،"އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ރަޝީދު
ކޮވިޑް-19 އާއި ގުޅިގެން މިއަހަރުގެ މާރޗް މަހުގެ މެދުކަނޑާލުމާއި ގުޅިގެން ދަރިވަރުންނަށް ކިޔަވައިދެނީ އޮންލައިންކޮށެވެ. ނަމަވެސް އޯލެވެލް އަދި އޭލެވެލް ދަރިވަރުންނަށް ސްކޫލަށް ގެންގޮސްގެން ކިޔަވައި ދިނުމުގެ ކަންކަން ގައިޑްލައިންތަކާއި އެއްގޮތަށް ދަނީ ކުރަމުންނެވެ.
ކޮވިޑް-19 އާއި ގުޅިގެންނާއި ދަރިވަރުންގެ ކިޔެވުން މެދުކަނޑާލުމާއި ގުޅިގެން ދަރިވަރުންނަށް އަސަރު ކޮށްފައިވާ މިންވަރު ދެނެގަތުމަށްޓަކައި ދިރާސާއެއް ހެދުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާމަކޮށްފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދިރާސާ ކުރުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފައިވާ ކަމަށާއި، މި ހާލަތުގައި ދަރިވަރުންގެ ލާރނިންގ ލޮސް ހުރީ ކިހާވަރަކަށްތޯ ބެލުމަށްޓަކައި އެ މަސައްކަތް ވެސް ކުރަމުން ދާނެ ކަމަށެވެ.