ކ. މާލެ
|
19 އޮކްޓޯބަރ 2020 | ހޯމަ 11:29
ޓޮޓެންހަމާއި ވެސްޓް ހޭމް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 3-3 ން
ޓޮޓެންހަމާއި ވެސްޓް ހޭމް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 3-3 ން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ޓޮޓެންހަމާއި ވެސްޓް ހޭމް އެއްވަރު، ވިލާ ދެވަނައަށް
ޓޮޓެންހަމާއި ވެސްޓް ހޭމް ބައްދަލުކުރި މެޗު އެއްވަރުވީ 3-3 ގެ ނަތީޖާއަކުން
ލެސްޓާ އަތުން ވިލާ މޮޅުވީ 1-0 ގެ ނަތީޖާއަކުން

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ބޮޑު ލީޑެއްގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ ކޮޅަށް ފަހު ވަގުތު ޖެހި ލަނޑުތަކާއެކު ވެސްޓް ހޭމް ޔުނައިޓެޑުން ޕޮއިންޓެއް ހޯދައިފިއެވެ.

ޓޮޓެންހަމުގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ޓޮޓެންހަމުން ވަނީ ތިން ލަނޑު ޖަހާފައެވެ. އެގޮތުން މެޗު ފަށައިގެން 45 ވަނަ ސިކުންތުގައި ހެރީ ކޭން ދިން ބޯޅައަކުން ސޮން ހުއެން-މިން ވަނީ ޓޮޓެންހަމަށް ލިޑު ނަގައިދީފައެވެ. އަދި އޭގެ ހަތް މިނެޓު ފަހުން ސޮންގެ އެހީއާއެކު ކޭން ޓޮޓެންހަމަށް ލީޑު ފުޅާކޮށްދިންއިރު، މެޗުގެ 16 ވަނަ މިނެޓުގައި ސާޖިއޯ ރެގީލޯން ނަގައިދިން ހުރަހަކުން ކޭން ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ޓޮޓެންހަމުން ވަނީ އެ ޓީމާ ދާދި ފަހުން ގުޅުނު ވޭލްސްގެ ތަރި ގެރެތު ބޭލް ކުޅެން އަރުވާފައެވެ. އަނިޔާއިން ރަނގަޅުވެ ޓޮޓެންހަމަށް ކުޅެދިން ފުރަތަމަ މެޗުގައި ބޭލަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މި މެޗުގައި ވެސްޓް ހޭމުން އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލީ އިތުރު ވަގުތާ އެކު ފަހު 10 މިނެޓުގެ ތެރޭގައެވެ. އެގިތުން މެޗުގެ 82 ވަނަ މިނެޓުގައި ވެސްޓް ހޭމުގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފަބިއަން ބަލްބުއޭނާއެވެ. އަދި އޭގެ ތިން މިނެޓު ފަހުން ޓޮޓެންހަމުގެ ޑަވިންސަން ސަންޗޭޒް އަތުން ބައިކޮޅަށް ލަނޑެއް ވަންއިރު، އިތުރު ވަގުތުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ވެސްޓް ހޭމަށް ނަތީޖާ އެއްވަރުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މެނުއަލް ލަންޒީނީއެވެ.

މި މެޗު އެއްވަރުވުމުން ޓޮޓެންހަމް އޮތީ ތާވަލުގެ ހަވަނައިގައި ފަސް މެޗުން އަށް ޕޮއިންޓާއެކުއެވެ. އަދި ޓޮޓެންހަމާ އެއްވަރުކުރި ވެސްޓް ހޭމް އޮތީ ތާވަލުގެ އަށްވަނައިގައި ފަސް މެޗުން ހަތް ޕޮއިންޓާއެކުއެވެ.

ލެސްޓާ އާއި ވިލާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ވިލާ މޮޅުވީ 1-0 ން

މީގެ އިތުރުން މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެސްޓަން ވިލާ ތާވަލުގެ ދެވަނައަށް ޖެހިލީ އާދީއްތަ ދުވަހުގެރޭ ރަށުން ބޭރުގައި ލެސްޓާ ސިތީ އަތުން 1-0 ން މޮޅުވެގެންނެވެ.

ލެސްޓާގެ ދަނޑުގައި ކުޅުނު މި މެޗުގައި އަނިޔާގެ ސަބަބުން ޖޭމީ ވާޑީ ކުޅެފައި ނުވާއިރު، މި މެޗުގައި އެ ތީމަށް މާ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ.

މި މެޗުގައި ވިލާއިން ލީޑު ނަގާފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ. މި ލަނޑު ވިލާއަށް ކާމިޔާބުކޮށްދިނީ ރޮސް ބާކްލީއެވެ. މިއީ ޗެލްސީގެ ލޯނު އެއްބަސްވުމެއްގެ ދަށުން ވިލާއަށް ކުޅެމުން އަންނަ ބާކްލީ އެ ޓީމަށް ކުޅެދިން ދެވަނަ މެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑެވެ.

ލެސްޓާ އަތުން ވިލާ މޮޅެއް ހޯދިއިރު، މިއީ 1930-1931 ވަނަ އަހަރަށްފަހު ވިލާއިން ލީގުގެ ފުރަތަމަ ހަތަރު މެޗުން މޮޅުވި ފުރަތަމަ ފަަހަރެވެ. މި މޮޅާއެކު ވިލާ ދެވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް އެވަޓަނަށް ފަސް މެޗުން ވަނީ 13 ޕޮއިންޓް ލިބިފައެވެ. ވިލާ އަތުން ބަލިވި ލެސްޓާ އޮތީ ތާވަލުގެ ހަތަރުވަނައިގައި ފަސް މެޗުން ނުވަ ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް