ކ. މާލެ
|
18 އޮކްޓޯބަރ 2020 | އާދީއްތަ 22:33
ސްކޯޕިއަންސް އާއި ޅ. އަތޮޅު ތަޢުލީމީ މަރުކަޒު ބައްދަލުކުރި ފުރަތަމަ މެޗުގެ ތެރެއިން
ސްކޯޕިއަންސް އާއި ޅ. އަތޮޅު ތަޢުލީމީ މަރުކަޒު ބައްދަލުކުރި ފުރަތަމަ މެޗުގެ ތެރެއިން
ސޯޝަލް މީޑިއާ
އެޗްސީސީ ވުމަންސް ވޮލީބޯލް ޗެމްޕިއަންޝިޕް
ހިންނަވަރުގައި އަންހެނުންގެ ވޮލީބޯޅަ މުބާރާތެއް ފަށައިފި
މި މުބާރާތުގައި އެ ރަށުގެ ފަސް ޓީމެއް ބައިވެރިވެފައިވޭ
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހު 30 ވަނަ ދުވަހު

ޅ. ހިންނަވަރު އިޖުތިމާޢީ މަރުކަޒުން އިންތިޒާމުކޮށްގެން ބާއްވާ "އެޗްސީސީ ވުމަންސް ވޮލީބޯލް ޗެމްޕިއަންޝިޕް 2020" ގެ ކުޅުން ފަށައިފިއެވެ.

މި މުބާރާތުގެ ކުޅުން އާދީއްތަ ދުވަހުގެ ހަވީރު ފެށިއިރު، މުބާރާތް ހުޅުވުމުގެ މެޗުގައި ވާދަކޮށްފައިވަނީ ސްކޯޕިއަންސް އާއި ޅ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. މި މެޗު ޅ. އަތޮޅު ތަޢުލީމީ މަރުކަޒުން ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ.

މުބާރާތާ ގުޅޭ ގޮތުން "ރާއްޖެ.އެމްވީ" އަށް މައުލޫމާތު ދެއްވަމުން ހިންނަވަރު އިޖުތިމާޢީ މަރުކަޒުގެ ޔޫތު އެސޯސިއޭޓް އަބްދުލް ރަޙުމާން މުޙައްމަދު ވިދާޅުވީ މި މުބާރާތުގައި އެ ރަށުގެ ފަސް ޓީމަކުން ބައިވެރިވެފައިވާ ކަމަށާއި، މި މުބާރާތަކީ ރަށުގެ އަންހެނުންނަށް ހުޅުވާލެވިގެން ބާއްވާ މުބާރާތެއް ކަމަށެވެ. އަދި މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ރަށުގެ ރައްޔިތުން އެކުވެރި މާހައުލެއްގައި އުޅެ، ދުޅަހެޔޮ ބަޔަކަށް ހެދުން ކަމަށްވެސް ވިދާޅުވިއެވެ.

މި މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ ޓީމު އެލާޓާއި، ޅ. އަތޮޅު ތަޢުލީމީ މަރުކަޒާއި، ސްކޯޕިއަންސް އާއި، ހޯޕް އެޗްޕީއެސް އަދި ޓީމު ގޯގޯއެވެ. މުބާރާތުގެ ކުޅުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރުމަށްފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހު 30 ވަނަ ދުވަހުއެވެ.

ހިންނަވަރު އިޖުތިމާޢީ މަރުކަޒުން އިންތިޒާމުކޮށްގެން އެ ރަށުގެ އަންހެނުންނަށް ވޮލީބޯޅަ މުބާރާތެއް ބާއްވައިރު، އެ މަރުކަޒުން އަންނަނީ ރަށު ފެންވަރުގައި ގިނަ މުބާރާތްތަކެއް ބާއްވަމުންނެވެ. އެގޮތުން މިދިޔަ މަހު ވަނީ "އެޗްސީސީ ފުޓްސަލް ޗެލެންޖް 2020" ކާމިޔާބުކަމާއެކު ނިންމާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް