ކ. މާލެ
|
18 އޮކްޓޯބަރ 2020 | އާދީއްތަ 21:42
ދާދި ފަހުން މެންޗެސްޓާ ޔުނައިޓެޑާ ގުޅުނު އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ ޔުނައިޓެޑުގެ ފަރިތަކުރުންތަކުގައި
ދާދި ފަހުން މެންޗެސްޓާ ޔުނައިޓެޑާ ގުޅުނު އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ ޔުނައިޓެޑުގެ ފަރިތަކުރުންތަކުގައި
ގެޓީ އިމޭޖަސް
ކަވާނީ ފަރިތަކުރުންތަކުގައި ބައިވެރިވުން
ކަރަންޓީނަށްފަހު ކަވާނީ ޔުނައިޓެޑުގެ ފަރިތަކުރުންތަކަށް
14 ދުވަހުގެ ކަރަންޓީން ކަވާނީ ފުރިހަމަކުރަން ޖެހުނު
އާދީއްތަ ދުވަހު ޔުނައިޓެޑުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި ކަވާނީ ވަނީ ބައިވެރިވެފައި
ޔުނައިޓެޑް ދެން ކުޅޭ މެޗުގައި ނުކުންނާނީ ކަވާނީގެ ކުރީގެ ކުލަބު ޕީއެސްޖީއާ ދެކޮޅަށް

ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރުމަށްފަހު އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ މެންޗެސްޓާ ޔުނައިޓެޑުގެ ފަރިތަކުރުންތަކުގައި ފުރަތަމަ ފަހަރަށް ބައިވެރިވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން އިނގިރޭސިވިލާތުގެ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން 14 ދުވަހުގެ ކަރަންޓީން ކަވާނީ ފުރިހަމަކުރަން ޖެހުނެވެ. ފްރާންސްގައި ހުރުމަށްފަހު އިންގްލެންޑަށް ކަވާނީ ގޮސްފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުއެވެ. އެހެންކަމުން އޭނާގެ ކަރަންޓީނުގެ މުއްދަތު އާދީއްތަ ދުވަހު ވަނީ ހަމަވެފައެވެ. އެއާއެކު އާދީއްތަ ދުވަހު ޔުނައިޓެޑުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި ކަވާނީ ވަނީ ބައިވެރިވެފައެވެ.

ކަރަންޓީނާ ގުޅިގެން ކަވާނީއަށް ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުން މެޗު ގެއްލިފައެވެ. އެ މެޗުން ޔުނައިޓެޑް ވަނީ 4-1 ން މޮޅުވެފައެވެ.

އުމުރުން 33 އަހަރުގެ ކަވާނީ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވެފައި އޮތުމުން، ޔުނައިޓެޑާ ގުޅުނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. ޔުނައިޓެޑާއެކު އޭނާ ވަނީ އެއް އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އެކަމަކު އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު އޮންނާނެއެވެ.

އިޓަލީގެ ނާޕޮލީން 2013 ވަނަ އަހަރު ޕީއެސްޖީއާ ގުޅުނު ކަވާނީ އެ ކުލަބު ދޫކޮށްލާފައިވާއިރު، އޭނާ ވަނީ ޕީއެސްޖީއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ޕީއެސްޖީއަށް ކުޅެދިން 301 މެޗުން 200 ލަނޑު ޖަހައިދީފައިވާ ކަވާނީ ވަނީ ޕީއެސްޖީއާއެކު ފްރެންޗް ލީގު ހަ ފަހަރު ހޯދާފައެވެ. އަދި ވަނީ އެ ކުލަބާއެކު ފްރެންޗް ކަޕް ހަތަރު ފަހަރު އަދި ފްރެންޗް ލީގު ކަޕް ފަސް ފަހަރު ކާމިޔާބުކޮށްފައެވެ.

ޔުނައިޓެޑުގެ ފަރިތަކުރުންތަކުގައި ކަވާނީ ބައިވެރިވިއިރު، ޔުނައިޓެޑުން ދެން މެޗެއް ކުޅޭނީ އަންނަ އަންގާރަ ދުވަހުގެރެއެވެ. އެރޭ ޔުއެފާ ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑް ނުކުންނާނީ ކަވާނީގެ ކުރީގެ ކުލަބު ޕީއެސްޖީއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް