ލާމަރުކަޒީ ނިޒާމް މުޅިން ފުނޑު ފުނޑުކޮށްލައި ލާމަރުކަޒީ މުޅި ޤާނޫނު ހަލާލާކުކޮށްލުމަށް ފަހު، ރައްޔިތުން ކައިރިއަށް ވޯޓް ހޯދަން މިސަރުކާރުން އަންނަން ނުޖެހޭނެ ކަމަށް ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ލ. ގަމުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ މިސަރުކާރަކީ ޤާނޫނުގެ ބޭރުން ކައުންސިލަރުން އައްޔަން ކުރުމުގެ ބާރު އޮތް ސަރުކާރެއް ކަމަށާއި އެހެންކަމުން ޤާނޫނޫ އަސާސީ ފުނޑު ފުނޑުކޮށްލުމަށްފަހު ރައީސް ޔާމިންގެ ސަރުކާރުން ރައްޔިތުންގެ ވޯޓް ހޯދައިގެން ކައުންސިލް ހޮވަން ނުޖެހޭ ކަމަށެވެ. ރައީސް ޔާމިންގެ ފެކްޝަނުން ރައްޔިތުންނަށް ބިރު ދައްކައި ވަޒީފާގެ ބިރު ދައްކަމުން ގެންދާ ކަމަށް ވެސް ފައްޔާޒު ތުހުމަތު ކުރެއްވި އެވެ.
މިސަރުކާރަށް ނޫނެކޭ ބުނެގެން ކަނޑާލާ ކޮންމެ ވަޒީފާއަކަށް އިތުރު ދިހަ ވަޒީފާ ދެން އަންނަ ސަރުކާރެއްގައި އުފައްދަވާނެ ކަމަށާއި އިޤްތިޞާދީ ކަންކަން ކުރިއަށް ގެންދާނެ ގޮތް އެމްޑީޕީއަށް މާރަނގަޅަށް އިނގޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް އެންމެ ފަހުން ގެނައި އިސްލާޙްގައިވާ ގޮތުން މަޖިލީހުގެ ރައީސް މަޤާމުން ދުރުކުރުމަށް މަޖިލީހަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާ އެކުގައި ކަމަށްވާއިރު، އެ 42 މެމްބަރުން މިހާރު އިދިކޮޅު ފަރާތްތަކަށް ހާމަވެފައިވާ ކަމަށާއި ރޯލް ކޯލް ނުވަތަ އެހެން ގޮތަކަށް މި ވޯޓް ނެގިޔަސް ދެން ކާމިޔާބު ކުރާނެ ކަމަށެވެ.
"ރޯލް ކޯލަކަށް، އެހެންކޯލަކަށް ވިޔަސް 42 އޮތީ ހަމަވެފައި، ކަނޑާލާ ކޮންމެ ވަޒީފާއަކަށް 10 ވަޒީފާ ހޯދައިދޭނަން. އަޅުގަނޑުމެން ރައްޔިތުންގެ ފުދުންތެރިކަން ހޯދައިދޭނަން" އޭނާ ވިދާޅުވި އެވެ.
މިސަރުކާރުން ކުރަމުންދާ ކަންތައްތަކަށް ފާޑު ވިދާޅުވެ ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ އެއް ދުވަހު ކާބޯތަކެތީގެ އަގު ބޮޑު ކުރުމަށްފަހު އިންތިހާބެއް އައިސް ބޯމަތިވުމުން އަނެއްކާވެސް ކާބޯތަކެތީގެ އަގު ކުޑަކޮށްލައިގެން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާލައިގެން މިސަރުކާރުން މަސައްކަތް ކުރާ ގޮތަށް އެމްޑީޕީން ކަންތައް ނުކުރާނެ ކަމަށެވެ.
ރާއްޖޭގެ ވެރިކަމާއި އެމްޑީޕީން ވަރަށް އަވަހަށް ހަވާލުވެ މިރާއްޖެއަކީ ފުދުންތެރި ޤައުމަކަށް ހަދާނެ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.