ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ޅ. ނައިފަރު، ނިކަގަސްދޮށުގެ، ގާސިމް އަބްދުލްކަރީމް އައްޔަން ކުރެއްވުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ނިންމައިފިއެވެ.
ގާސިމަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ހިޔާނާތް ފަޅާއަރުވާލި މައްސަލާގައި ރައީސް ޔާމީންގެ ވެރިކަމުގައި ޖަލަށްލި ބޭފުޅެކެވެ. އޭރު އޭނާ ހުރީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފ. ނިލަންދޫ ބްރާންޗުގެ ކުރީގެ މެނޭޖަރުގެ މަގާމުގައެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައުލޫމާތުތަކެއް ލީކްކޮށްލުމާއި ގުޅިގެން، ބޭންކްގެ ކަސްޓަމަރެއްގެ އެކައުންޓެއްގެ މައުލޫމާތު އާންމުކޮށް ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ކުށް ސާބިތުވެ، 1 އަހަރާއި 4 މަހަށް ގާސިމް ޖަލަށްލުމަށް ހުކުމެއް ވެސް ކުރިއެވެ. އޭނާ މިނިވަންވީ 2017 ވަނަ އަހަރުއެވެ.
އެންއައިސީގައި ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް އިއުލާން ކުރުމުން، ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ލިސްޓްގެ އެންމެ ކުރީގައި އޮތީވެސް ގާސިމްގެ ނަމެވެ.
ރައްޔިތުންގެ މަޖިލީހުން ވަނީ ގާސިމްއާ ގުޅޭގޮތުން އާންމުންގެ ޝަކުވާއެއްވޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 201 ވަނަ މާއްދާގެ (ރ) ގެ ދަށުން ވަނީ އިއުލާންކޮށްފައެވެ. ނަމަވެސް އެއްވެސް ފަރާތަކުން ގާސިމާމެދު އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވާކަމަށް ކޮމެޓީގެ ރިޕޯޓްގައި ވެއެވެ.
އެންއައިސީގެ މެމްބަރުކަމަށް ގާސިމްއަށް ރުހުން ދިނުމަށް މިނިވަން މުއައްްސަަސާތަކުގެ ކޮމެޓީން ނިންމާފައި ވަނީ ކޮމެޓީގައި ބައިވެރިވި މެމްބަރުން ތިންބައިކުޅަދެބައިގެ އަޣްލަބިއްޔަތުންނެވެ.
އެންއައިސީއަކީ ފަސް މެމްބަރުންގެ މައްޗަށް އެކުލެވިފައިވާ ކޮމިޝަނަކަށްވާއިރު ކޮމިޝަންގައި މިހާރު ހުންނަވަނީ ދާދި ފަހުން މެމްބަރަކަށް އައްޔަން ކުރެއްވި ކާނަލް (ރޓޑ) އަހްމަދުޖިހާދު އެކަންޏެވެ.ގާސިމްގެ އިތުރުން، އިތުރު ތިން މެމްބަރުން އައްޔަން ކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.