ޤައުމީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް މާދަމާ ހއ. އުތީމުގައި ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
ކޮންމެ އަހަރެއްގެ ރަބީޢުލް އައްވަލް މަހުގެ 1 ވަނަ ދުވަހުގައި ފާހަގަކުރަމުންދާ ޤައުމީ ދުވަހަކީ ބޮޑު ތަކުރުފާނު ޕޯޗްގީޒުންގެ އަތް ދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އައު ކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ. ބޮޑު ތަކުރުފާނު ނިސްބަތްވެވަޑައިގަންނަވަނީ ހއ. އުތީމަށެވެ.
ހޯމް މިނިސްޓްރީން ބުނީ މާދަމާއިން ފެށިގެން، ތިން ދުވަހުގެ ނިޔަލަށް ޤައުމީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް އުތީމުގައި ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތަައް އާދިއްތަ ދުވަހު (މާދަމާ) ފަތިހު 5:45 ގައި ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތުން ފެށިގެންދާއިރު، ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ދާނީ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައެވެ.
އެއަށްފަހު ހެނދުނު 9:30 ގައި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވެއެވެ. ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަ ފުޅުދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. މި ދެ ބޭފުޅުން ވެސް ޖަލްސާގައި ވާހަކަ ދައްކަވާނީ ވިޑީއޯ މެދުވެރިކޮށެވެ.
އޭގެއިތުރުން އާދިއްތަ ދުވަހުގެ ހަވީރު ކުޅިވަރުގެ ހަރަކާތްތަކުގެ ތެރެއިން އަންހެނުންގެ ވޮލީ މެޗު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އެ ރޭ ވެސް ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ބަހުސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.
ހޯމަ ދުވަހު، ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އެ ދުވަހު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މަސް ރޭހެކެވެ. އަދި ޖެހިގެން އަންނަ އަންގާރަ ދުވަހު، ފުޓްސެލް ކަޕެއްް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
އެންމެ ފުރަތަމަ ޤައުމީ ދުވަސް ރާއްޖޭގައި ފާހަގަ ކުރައްވައިފައިވަނީ ހިޖުރައިން 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހުއެވެ. އެއީ 1946 ވަނަ އަހަރުގެ ފެބްރުއަރީ 4 ވަނަ ދުވަހެވެ.