ކ. މާލެ
|
14 އޮކްޓޯބަރ 2020 | ބުދަ 21:52
ޔުވެންޓަސްއަށް ކުޅެމުން އަންނަ އެމެރިކާގެ ޒުވާން މިޑްފީލްޑަރު ވެސްޓަން މެކެނީ
ޔުވެންޓަސްއަށް ކުޅެމުން އަންނަ އެމެރިކާގެ ޒުވާން މިޑްފީލްޑަރު ވެސްޓަން މެކެނީ
ގެޓީ އިމޭޖަސް
މެކެނީ ވައިރަހަށް ޕޮޒިޓިވްވުން
މެކެނީ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު ޔުވެންޓަސްގެ ސްކޮޑް އަލުން އައިސޮލޭޝަނަށް
މެކެނީ އަކީ މި ހަފުތާގައި ޔުވެންޓަސްއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެވަނަ ކުޅުންތެރިޔާ
ޔުވެންޓަސްގެ ޓީމު އައިސޮލޭޓްކުރި ނަމަވެސް، ވައިރަހަށް ނެގެޓިވްވާ ކުޅުންތެރިންނަށް ފަރިތަކުރުންތަކާއި މެޗުތަކުގައި ބައިވެރިވެވޭނެ

އެމެރިކާގެ ޒުވާން މިޑްފީލްޑަރު ވެސްޓަން މެކެނީ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު ޔުވެންޓަސްގެ ސްކޮޑް އަލުން އައިސޮލޭޝަނަށް ބަދަލުކޮށްފިއެވެ.

މެކެނީ އަކީ މި ހަފުތާގައި ޔުވެންޓަސްއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން ޕޯޗުގަލުގެ ގައުމީ ފުޓްބޯޅަ ޓީމާއެކު އެ ގައުމުގައި އުޅެނިކޮށް އަންގާރަ ދުވަހުގެ ވަގުތެއްގައި ކްރިސްޓިއާނޯ ރޮނާލްޑޯވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

ޔުވެންޓަސްއިން ބުދަ ދުވަހުގެރޭ ނެރުނު ބަޔާނެއްގައި ބުނީ ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން ކުރިއަށްގެންދިޔަ ޓެސްޓުތަކުން މެކެނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު މުޅި ޓީމު އައިސޮލޭޝަނަށް ބަދަލުކޮށްފައިވާކަން ޔުވެންޓަސްއިން ވަނީ ހާމަކޮށްފައެވެ. ޔުވެންޓަސްގެ މުޅި ޓީމު އައިސޮލޭޝަނަށް ބަދަލުކުރި ނަމަވެސް، ވައިރަހަށް ނެގެޓިވްވާ ކުޅުންތެރިންނަށް ފަރިތަކުރުންތަކާއި ޔުިވެންޓަސްއިން ކުޅޭ މެޗުތަކުގައި ބައިވެރިވެވޭނެ ކަމަށް އެ ކުލަބުން ވަނީ ހާމަކޮށްފައެވެ.

ޔުވެންޓަސް ޓީމު ދެވަނަ ފަހަރަށް އައިސޮލޭޝަނަށް ބަދަލުކުރިއިރު، މި މަހުގެ ކުރީކޮޅު އެ ޓީމުގެ ދެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުންވެސް މުޅި ޓީމު އައިސޮލޭޓް ކުރިއެވެ. އެކަމަކު އެ ފަހަރު ރޮނާލްޑޯގެ އިތުރުން ޔުވެންޓަސްގެ ޕައޮލޯ ޑިބާލާ އާއި، ހުއާން ކުއަޑްރާޑޯ އާއި، ޑަނީލޯ އަދި ރޮޑްރީގޯ ބެންޓަންކޫރު ވަނީ ކޮވިޑް-19 ގެ ޓެސްޓުގެ ނަތީޖާ ނުލިބެނީސް ގައުމީ ޓީމުގެ މެޗުތައް ކުޅެން އެ ކުޅުންތެރިން ނިސްބަތްވާ ގައުމުތަކަށް ގޮސްފައެވެ. އެއާއެކު އިޓަލީގެ އިދާރާތަކުން އަންނަނީ އެ ކުޅުންތެރިންގެ މައްސަލަ ބަލަމުންނެވެ.

އިޓަލީގެ ރިޕޯޓުތައް ބުނާ ގޮތުން ޔުވެންޓަސްއިން އައިސޮލޭޝަން ގަވާއިދާ ޚިލާފުވި ކުޅުންތެރިންގެ މައްސަލަ ވަނީ ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާފައެވެ. އަދި މި މައްސަލައިގައި ކުރިއަށްދާނެ ގޮތެއް ނިންމާނީ ޕްރޮސެކިއުޓަރުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އަދި މި މައްސަލައިގައި ޓިއުރިންގެ ޤާނޫނީ އިދާރާތަކުން މި ކުޅުންތެރިންނަށް ފިޔަވަޅު އަޅާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މި ހަފުތާގައި ޔުވެންޓަސްގެ ދެ ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު، ޔުވެންޓަސްއިން އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކްރޮޓޯނާ ދެކޮޅަށް ނުކުންނާނެއެވެ. މި މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ ކްރޮޓޯނުގެ ދަނޑުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް