ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް އަދި މެރިން ޕޮލިސް ގުޅިގެން 2020 އޮކްޓޯބަރު 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައިވަނީ ހަތް މީހުން ކަމަށެވެ. މި ހަތް މީހުންގެ ތެރޭގައި ހިމެނޭ ހަ މީހުންނަކީ 25 އަހަރާއި 48 އަހަރާ ދެމެދުގެ ފިރިހެނުންނެވެ. ދެން ހިމެނެނީ 18 އަހަރުން ދަށުގެ ކުޑަކުއްޖެއް ކަމަށް ފުލުހުން ބުނެއެވެ.
ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާއި ގުޅިގެން ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަނޑުމަތީގައި ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބޭނުން ކުރި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކޮށްފައިވާއިރު، އެދޯނިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ. އަދި މި އޮޕަރޭޝަނުގައި މިހާތަނަށް ހުޅުމާލޭގެ ތިން އެޕާޓްމަންޓަކާއި މާލޭގެ ދެ ގެއެއްވެސް ބަލައި ފާސްކޮށްފައިވެއެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި މިހާތަނަށް ވަގުތީ ބަރުދަނުގައި 130 ކިލޯ ހުރި މަސްތުވާތަކެތި ހޯދާފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި މެޓައެމްފިޓަމިން އާއި ހެރޮއިން ހިމެނެއެވެ.
މިތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށްހުރި ފަރާތްތަކަކީ ގއ. ވިލިނގިލި/ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އާއި ހއ. ހޯރަފުށި/ ވައިލެޓްވިލާ، އަހްމަދު މޫސާ (48އ) އެވެ.
މި ދެމީހުންގެ ތެރެއިން ގއ. ވިލިނގިލި/ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް ފަރާތެކެވެ. އަދި މަސްތުވާތަކެތި ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރު ކުރި 7 މީހުންނާއި ޖާމިނު ވެފައިވަނީ ޝަހީބް އިބްރާހިމްއެވެ. އަދި އެ މައްސަލާގައި ޝަހީބް އިބްރާހިމް އާއި އީރާން 7 މީހުން ކްރިމިނަލް ކޯޓުން ވަނީ ބަންދުން ދޫކޮށްލާފައެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ރާއްޖެއިން އެތެރެ ކުރި ދޯނިން ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ ކުޑަކުއްޖާގެ ބަންދަށް ޖުވެނައިލް ކޯޓުންވަނީ 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އަދި ޝަހީބް އިބްރާހިމްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާއިރު އަޙްމަދު މުސާގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް އެ ކޯޓުންވަނީ ދީފައެވެ. މި މައްސަލާގައި ދެން ހިމެނޭ ހަތަރު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުންވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.