އެެމެރިކާއިން ކޮވިޑް-19 ޖެހުން މީހުންގެ އަދަދު 8 މިލިއަނަށް އަރަފިއެވެ.
އެމެރިކާގައި ޕޮޒިޓިވްވި މީހުން 8 މިލިއަނަށް އަރާފައި މިވަނީ ފާއިތު ދެ ދުވަހުގެ ތެރޭގައެވެ. މިގޮތުން އިއްޔެ އެކަނިވެސް އެމެރިކާއިން އިތުރު 51534 (ފަންސާސް އެއްހާސް ފަސްސަތޭކަ ތިރީސް ހަތަރު) މީހުން ޕޮޒިޓިވް ވެފައިވާ ކަމަށް ރެކޯޑް ކުރެވިފައި ވެއެވެ. އަދި މިއަދަދާއެކު އެގައުމުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 8090253 (އަށް މިލިއަން ނުވަދިހަ ހާސް ދުވިސައްތަ ފަންސާސް ތިނަކަށް) އަރާފައެވެ.
ފާއިތުވި ސެޕްޓެމްބަރ މަހާއަޅާ ބަލާއިރު އެ ގައުމުން ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވެފައިވާ ކަމަށްވެސް ރިކޯޑުތަކުން ދައްކައެވެ.
އެމެރިކާއިން އިއްޔެ އެކަނި 843 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓު ތަކުން ދައްކައެވެ. އަދި މިއަދަދާއެކު އެގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 220873 (ދެލައްކަ ވިހިހާސް އަށްސަތޭކަ ހަތްދިހަ ތިނެއް)ށް އަރާފައެވެ.
އަދަދުތައް މިހެން ހުރި ނަމަވެސް އެގައުމުން ދުވާލެއްގެ މައްޗަށް މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑުތަން ވަނީ ދަށްވެފައެވެ. އެގޮތުން ފާއިތުވި ސެޕްޓެމްބަރ 10ވަނަ ދުވަހުން ފެށިގެން އެގައުމުން މަރުވާ މީހުންގެ އަދަދުތަށް މުޅިން ވެސް އުޅެނީ އެއްހާހުން ދަށުގައެވެ.
އެމެރިކާއިން އެންމެ ފުރަތަމަ ކޮވިޑް ކޭހެއް ރިޕޯޓު ކޮށްފައިވަނީ ޖެނުއަރީ 20ވަނަ ދުވަހުއެވެ. އެއީ އެންމެ ފުރަތަމަ ބަލިފެނިފައިވާ ޗައިނާގެ ވޫހާން ސިޓީގައި އުޅެފައި އެމެރިކާ އަށް އެނބުރިއައި މީހެއްގެ ފަރާތުންނެވެ.