ކުލަ ގަދަ ރަސްމިއްޔާތަކާއެކު ލ. ގަން ޒޯން ސްޓޭޑިއަމުގައި ޓާފް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
ބޮޑު ބެރާއި ސަގާފީ ކުޅިވަރުތަކާއެކު ގަމު ޒޯން ސްޓޭޑިއަމުގައި ޓާފް އެޅުމުގެ މަސައްކަތް ފަށާފައިވަނީ އަންގާރަ ދުވަހުއެވެ.
ޓާފް އަޅަން ފެށުމުގެ ކުރިން ގަމު ޒޯން ސްޓޭޑިއަމުގެ ބިން އެއްވަރު ކުރުމުގެ މަސައްކަތް ކުރިއިރު، އެ މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. ކުޅިވަރާ ބެހޭ ވުޒާރާއިން ބުނީ ގަމު ޒޯން ސްޓޭޑިއަމުގެ ބިން އެއްވަރުކުރުމުގެ މަސައްކަތަށް 2.59 މިލިޔަން ރުފިޔާ ޚަރަދުވި ކަމަށެވެ.
ބިން އެއްވަރުކުރުމުގެ މަސައްކަތް ނިންމާ އެ ދަނޑުގައި އަންގާރަ ދުވަހު ޓާފް އަޅަން ފަށާފައިވާއިރު، މި މަސައްކަތް ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން ކޮމްޕެނީއާއެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 4.36 މިލިޔަން ރުފިޔާއަށެވެ.
ގަމު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ވިސާމް ވިދާޅުވީ ވީރާނާވަމުންދިޔަ ޒޯން ސްޓޭޑިއަމް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅެއް ކަމަށާއި، އެތަކެއް ދުވަހަކަށްފަހު ގަމު ޒޯން ސްޓޭޑިއަމުގައި ޓާފް އެޅުމުގެ މަސައްކަތް ފެށުމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފަށް ޝުކުރުއަދާކުރައްވާ ކަމަށެވެ. އަދި މި ސަރުކާރުން ރަނުން ރަނަށް ވައުދު ފުއްދާނެ ކަމަށްވެސް މެންބަރު ވިސާމް ވިދާޅުވިއެވެ.
ރައީސް ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުން ހިމެނޭއިރު، ގަމު ޒޯޖް ސްޓޭޑިއަމުގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފުޓްބޯޅަ ދަނޑުތައް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި މިހާތަނަށް ސަރުކާރުން ވަނީ ތ. ވިލުފުށީ ޓާފް ދަނޑާއި، ރ. އަލިފުށި ޓާފް ދަނޑާއި، ފ. ނިލަންދޫ ޓާފް ދަނޑާއި ނ. ކެނދިކުޅުދޫ ޓާދް ދަނޑުގެ އިތުރުން އެ އަތޮޅު ހޮޅުދޫ ޓާފް ދަނޑުގެ މަސައްކަތް ނިންމާލާފައެވެ.
ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ދަނޑުތައް އަޅަމުން އަންނައިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަނީ 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްލައިގެން، ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ސަރުކާރުން ޓާފް ދަނޑުތައް އެޅުމަކީ ހޯމް އެންޑް އަވޭ އުސޫލަށް ރާއްޖޭގެ ފުޓްބޯޅަ ސިސްޓަމް ބަދަލުކުރަން ރާވާފައިވާ ރޭވުމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.