ކ. މާލެ
|
13 އޮކްޓޯބަރ 2020 | އަންގާރަ 19:03
އޭއެފްސީ ކަޕްގެ ކޮލިފައިންގައި މާޒިޔާއިން ކުޅުނު މެޗެއް ބައްލަވާލެއްވުމަށް ވަޒީރު ދަނޑަށް ވަޑައިގެން
އޭއެފްސީ ކަޕްގެ ކޮލިފައިންގައި މާޒިޔާއިން ކުޅުނު މެޗެއް ބައްލަވާލެއްވުމަށް ވަޒީރު ދަނޑަށް ވަޑައިގެން
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
އޭއެފްސީ ކަޕަށް ތައްޔާރުވުން
އަންނަ އަހަރުގެ އޭއެފްސީ ކަޕަށް ގައުމީ ފެންވަރުގައި ތައްޔާރުވާނަން: މަޙްލޫފް
ކޮވިޑް-19 ގެ ސަބަބުން މި އަހަރު ކުޅިވަރުތަކަށް އަދި އެތުލީޓުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ
ސަރުކާރުގެ ވިސްނުން ހުރީ އޭއެފްސީ ކަޕުގައި ރާއްޖެ މިހާތަނަށް ނުހޯދޭ ފަދަ ބޮޑު ކާމިޔާބީއަކަށް މަސައްކަތް ކުރުން

ރާއްޖޭގެ ކުލަބުތައް ވާދަކުރާ ބައިނަލްއަގުވާމީ ކުލަބު މުބާރާތް ކަމަށްވާ އޭއެފްސީ ކަޕަށް އަންނަ އަހަރު ގައުމީފެންވަރުގައި ތައްޔާރުވުމަށް ނިންމާފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން މި އަހަރު ކުޅިވަރުތަކަށް އަދި އެތުލީޓުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އޭގެ ތެރޭގައި ފުޓްބޯޅަ ކުލަބުތަކާއި ކުޅުންތެރިން ހިމެނޭ ކަމަށެވެ. އަދި މިއަހަރުގެ އޭއެފްސީ ކަޕުގައި ވާދަކުރުމުގެ ފުރުސަތު ލިބި، މުބާރާތް ކެންސަލް ވުމުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޓީސީ ސްޕޯޓްސް ކުލަބަށް ލިބުނު ގެއްލުން ބޮޑު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އަންނަ އަހަރު ގްރޫޕް ސްޓޭޖުގައި ވާދަކުރުމުގެ ސީދާ ފުރުސަތު ލިބިފައިވަނީ މާޒިޔާއަށް ކަމަށާއި އެހެން ކަމުން ސަރުކާރުގެ ވިސްނުން ހުރީ އޭއެފްސީ ކަޕުގައި ރާއްޖެ މިހާތަނަށް ނުހޯދޭ ފަދަ ބޮޑު ކާމިޔާބީއަކަށް މަސައްކަތް ކުރުން ކަމަށެވެ. އެގޮތުން އޭއެފްސީ ކަޕުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ވެދެވެން އޮތް އެންމެ ބޮޑު އެހީތެރިކަމެއް ސަރުކާރުން ވެދޭނެ ކަމަށާއި، އެކަމާ ގުޅޭ ތަފުސީލުތައް ކުރިއަށްއޮތް ދުވަސްތަކުގައި ހާމަ ކުރައްވާނެ ކަމަށެވެ.

އަންނަ އަހަރަކީ އޭއެފްސީ ކަޕަށް ގައުމެއްގެ ހައިސިއްޔަތުންވެސް މަސައްކަތް ކުރުމަށް އަޒުމު ކަނޑައަޅައިގެން ތިބި އަހަރެއް. އެކަމާ ގުޅޭ އިތުރު ތަފުސީލުތައް ހާމަކުރަމުންދާނަން. މި އަންނަ އަހަރު ގްރޫޕް ސްޓޭޖުގައި ވާދަކުރަން ފުރުސަތު ލިބިފައި މި ވަނީ މާޒިޔާއަށް. މާޒިޔާ އާއި، އެފްއޭއެމާއި، މިނިސްޓްރީއާއެކު މަސައްކަތްތަކެއް ކުރަމުން މިދަނީ. އަމާޒަކީ ވަރަށް ބޮޑު އަމާޒެއް. ގައުމަށް ވަރަށް ރީތި ނަމެއް ހޯދުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުގެ ފަރާތުން ދީގެން ކުރުން.
ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް

ވަޒީރު ވިދާޅުވީ ރާއްޖޭގައި ކުޅިވަރުތައް ފެށުމުގެ ފުރުސަތު އަވަހަށް ހޯދުމަށް މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށާއި، އެހެން ނަމަވެސް ކުޅިވަރު ކުޅުންތެރިންވެސް އަދި ކުލަބުތަކުންވެސް ކެތްތެރިކަން އިސްކޮށް، ސިއްހީ ހިދުމަތްތެރިންގެ ވާހަކަ އަޑުއަހަން ޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި އަހަރުގެ އޭއެފްސީ ކަޕް ކެންސަލް ކުރަން އޭއެފްސީން ނިންމިއިރު، ސަރުކާރުގެ އެހީތެރިކަމާއެކު އޭއެފްސީ ކަޕުގައި ރާއްޖޭގެ ދެ ޓީމު ވާދަކުރާ ގްރޫޕުގެ މެޗުތައް މާލޭގައި ކުޅުމަށް އެފްއޭއެމުން އޮތީ ނިންމާފައެވެ.

މިއަހަރުގެ އޭއެފްސީ ކަޕް ކެންސަލް ކުރިއިރު، އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާގެ ޓީމުތަކުގެ ގްރޫޕުގައި ރާއްޖޭގެ މާޒިޔާ އާއި ޓީސީ ވަނީ ވާދަކޮށްފައެވެ. މިއީ 2016 ވަނަ އަހަރު އޭއެފްސީ ކަޕްގެ ފޯމެޓަށް ބަދަލުކޮށް ދެކުނު އޭޝިއާ ޓީމުތަށް އެއް ގްރޫޕެއްގައި ވާދަކުރަން ފެށި ފަހުން ރާއްޖޭގެ ދެ ކުލަބެއް ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ ފަހަރެވެ.

އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ހޯދާފައިވާއިރު، ޕްލޭއޮފްގެ ޖާގައެއް ކުލަބު އީގަލްސް ވަނީ ހޯދާފައެވެ. މިއީ އީގަލްސް އޭއެފްސީ ކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް