އިޓާލިއަން ލީގުގައި އޭސީ މިލާނާ ދެކޮޅަށް ކުޅޭ ޑާބީ މެޗުގެ ކުރިން އިންޓަ މިލާނުގެ ހަ ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ލީގުގައި އިންޓަ އާއި މިލާން ބައްދަލުކުރާ މެޗު ކުޅެން ތާވަލުކޮށްފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.
އެ މެޗަށް ބާކީ ހަތަރު ދުވަސް އޮތްއިރު، މިހާތަނަށް އިންޓަގެ ހަ ކުޅުންތެރިއަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެއީ ޑިފެންޑަރު އޭޝްލީ ޔަންގް، އަލެސަންދުރީ ބަސްތޯނީ، މިލާން ސްކްރިނިއާ، މިޑްފީލްޑަރު ރަޖާ ނައިންގޯލާން، ރޮބާޓޯ ގަގްލިއާޑިނީ އަދި ގޯލްކީޕަރު ޔޯނުޓް ރާޑޫއެވެ. ރިޕޯޓުތައް ބުނާ ގޮތުން މި ހުރިހާ ކުޅުންތެރިންވެސް މިހާރު ވަނީ އަމިއްލަ ގޭގައި އައިސޮލޭޓްވެފައެވެ.
ޑާބީ މެޗުގެ ކުރިން އިންޓަގެ ހަ ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ނަމަވެސް، ދާދި ފަހުން މިލާނަށް ކުޅެމުން އަންނަ ސްވިޑެން ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް ވަނީ ކޮވިޑް-19 އިން ރަނގަޅުވެފައެވެ.
އިންޓަގެ ހަ ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ނަމަވެސް، ރިޕޯޓުތައް ބުނާ ގޮތުން އިންޓަ އާއި މިލާން ބައްދަލުކުރާ މެޗު ތާވަލުކުރެވިފައިވާ ދުވަހު ކުޅޭނެއެވެ. އެކަމަކު މިލާނުގެ ސިއްހީ އިދާރާތަކުން ވަނީ މެޗުގެ ކުރިން އިންޓަގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން އެކި ފަހަރު މަތިން ވައިރަހަށް ޓެސްޓު ކުރުމަށް އަންގާފައެވެ.
މިލާން ޑާބީ މެޗު ތާވަލާ އެއްގޮތަށް ކުރިއަށްގެންދަން ނިންމާފައިވީ ނަމަވެސް، މީގެ ކުރިން ނާޕޮލީގެ ކުޅުންތެރިންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު، ލީގުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅެން އޮތް މެޗަށް އެ ޓީމު ހާޒިރުވެފައެއް ނުވެއެވެ. އާންމު ގޮތެއްގައި މެޗަށް ޓީމެއް ހާޒިރުނުވެއްޖެނަމަ އިދިކޮޅު ޓީމަށް 3-0 ން މެޗު ލިބޭ ގޮތަށް އޮންނަ ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން ދިމާވި ކަމަކަށްވާތީ އިޓާލިއަން ލީގުގެ ބޯޑުން މި މެޗާ ބެހޭގޮތުން އަދި ވަކި ގޮތެއް ނުނިންމައެވެ.