އާސެނަލަށް ކުޅެމުން އަންނަ ޖަރުމަނުގެ މިޑްފީލްޑަރު މެސުޓް އޮޒިލް ހޯދުމަށް ސައުދީ އަރަބިއްޔާގެ ކުލަބެއް ކަމަށްވާ އެލް-ނާސިރުން މަސައްކަތް ކުރަމުން އައި ނަމަވެސް، ސައުދީއަށް ބަދަލުވާން އޮޒިލް ބޭނުން ނުވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން އުމުރުން 31 އަހަރުގެ އޮޒިލް ހޯދުމަށް އެލް-ނާސިރުން މަސައްކަތް ކުރަމުން އަންނަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 5 މިލިޔަން ޕައުންޑަށެވެ. އާސެނަލާއެކު އޮޒިލް ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ހޫނު މޫސުމުގައި ހަމަވަން އޮތް ނަމަވެސް، އާސެނަލުން އޮޒިލް ވިއްކާލަން އަމާޒުހިފާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޮޒިލް މި ސީޒަނުގެ ނިޔަލަށް އާސެނަލުގެ އެއްބަސްވުމުގައި ހުރީ ހަފުތާއަކު 350،000 (ތިން ލައްކަ ފަންސާސް ހާސް) ޕައުންޑް ލިބޭ ގޮތަށެވެ.
އެކަމަކު ރިޕޯޓުތައް ބުނާ ގޮތުން ސައުދީގެ ކުލަބަށް ބަދަލުވާން އޮޒިލް ބޭނުމެއް ނުވެއެވެ. އަދި އޭނާ އާސެނަލް ދޫކޮށްލާނީ އެއްބަސްވުން ހަމަވުމުން އަންނަ އަހަރުގެ ހޫނު މޫސުމުގައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މި ސީޒަނުގެ ޔުއެފާ ޔޫރޮޕާ ލީގަށް އާސެނަލުން އެކުލަވާލި 25 ކުޅުންތެރިންގެ ސްކޮޑުން އޮޒިލަށް ފުރުސަތު ދީފައިނުވާއިރު، އެންމެ ފަހުން އޮޒިލް އާސެނަލަށް މެޗެއް ކުޅެދިނީ މީގެ ހަތް މަސް ކުރިންނެވެ. އަދި މި ސީޒަނުގައި އާސެނަލުން ކުޅުނު އެއްވެސް މެޗަކަށް އެކުލަވާލި ސްކޮޑުން އޮޒިލަށް ފުރުސަތު ދީފައިނުވާއިރު، ރިޕޯޓުތައް ބުނާ ގޮތުން އާސެނަލުގެ ކޯޗު މިކޭލް އާޓެޓާގެ ޕްލޭނުގައި އޮޒިލް ނުހިމެނެއެވެ.
އޮޒިލަށް އާސެނަލުގެ ފުރަތަމަ އެގާރައިން ޖާގަ ލިބުން ދަތިވެފައިވާއިރު، މީގެ ކުރިން އޮޒިލް ވަނީ އާސެނަލާ ދެމެދު މައްސަލަ ޖެހުނު ސަބަބު މީގެ ކުރިން ސާފުކޮށްދީފައެވެ. އޮޒިލް ބުނީ އޭނާ އާއި އާސެނަލާ ދެމެދު މައްސަލަ ޖެހުނީ ކޮވިޑް-19 ގެ ސަބަބުން ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަށް ބުނުމުން، އެކަމަށް ދެކޮޅު ހެދި ހިސާބުން ކަމަށެވެ. އަދި އެކަމަށް ދެކޮޅު ހެދީ އާސެނަލަށް އޭނާ ކުރިމަތިކުރި ސުވާލުތަކަށް ކުލަބުން ޖަވާބުދާރީ ނުވުމުން ކަމަށްވެސް އޮޒިލް ބުންޏެވެ.
ރެއާލް މެޑްރިޑް ދޫކޮށް 2013 ވަނަ އަހަރު އާސެނަލަށް ބަދަލުވި އޮޒިލް ވަނީ އާސެނަލަށް މިހާތަނަށް ކުޅެދިން 254 މެޗުގައި 44 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ އާސެނަލާއެކު އެފްއޭ ކަޕް ތިން ފަހަރު އަދި ކޮމިއުނިޓީ ޝީލްޑް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.