ކ. މާލެ
|
13 އޮކްޓޯބަރ 2020 | އަންގާރަ 14:08
އައިއޯއައިޖީ ބޭއްވުމާ ގުޅޭ ގޮތުން ހޯމަ ދުވަހު ކުޅިވަރު އެސޯސިއޭޝަންތަކާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
އައިއޯއައިޖީ ބޭއްވުމާ ގުޅޭ ގޮތުން ހޯމަ ދުވަހު ކުޅިވަރު އެސޯސިއޭޝަންތަކާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ކުޅިވަރާ ބެހޭ ވުޒާރާ
އައިއޯއައިޖީ ރާއްޖޭގައި ބޭއްވުން
އައިއޯއައިޖީ ބޭއްވުމާ ގުޅޭ ގޮތުން ކުޅިވަރު އެސޯސިއޭޝަންތަކާއެކު މަޝްވަރާކޮށްފި
މިހާރު އޮތް ގޮތަށް 2023 ވަނަ އަހަރު ގޭމްސް ބޭއްވޭނެ ކެރިފޯރުންތެރިކަމެއް ނެތް
އައިއޯއައިޖީ 2025ށް ފަސްކުރުމަށް، ނޫންނަމަ ދެން އޮންނަ ގޭމްސްއެއް ބާއްވަން އެދޭނެ

ރާއްޖޭގައި 2023 ވަނަ އަހަރު އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) ބޭއްވުމާ ގުޅޭ ގޮތުން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއެކު ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް މަޝްވަރާކުރައްވައިފިއެވެ.

މީގެ ކުރިން ކުޅިވަރާ ބެހޭ ވަޒީރު ވަނީ 2023 ވަނަ އަހަރު ރާއްޖޭގައި އައިއޯއައިޖީ ބޭއްވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މިހާރު މި އޮތް ހާލަތާއެކު ދައުލަތުގައި އެ ގޭމްސް ބޭއްވޭނެ ކެރިފޯރުންތެރިކަން ހުރި ކަމަށްވެސް ގަބޫލުނުކުރައްވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ބުނީ ހޯމަ ދުވަހު ބޭއްވުނު ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިވަނީ ކޮވިޑް-19 އާ ގުޅިގެން އައިއޯއައިޖީ ބޭއްވުމުގައި ކުރިއަށްދެވޭނެ ގޮތްތަކާ ބެހޭ ގޮތުން ކަމަށާއި، އެކަމަކު މި ބައްދަލުވުމުގައި ވަކި ކަމެއް ނިންމާފައިނުވާ ކަމަށެވެ.

މީގެ ކުރިން ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވީ ގޭމްސް ބޭއްވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ފަށަން ޕްލޭން ކުރެވިފައި އޮތް އަހަރަކީ މި އަހަރު ކަމަށާއި، އެހެން ނަމަވެސް މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ހާލަތާއެކު ގޭމްސްއަށް އަމާޒުކުރި ބޮޑެތި މަސައްކަތް ހުރީ ނުފެށި ކަމަށެވެ. އެހެން ކަމުން ކޮވިޑް-19 ގެ ހާލަތު ރަނގަޅުވެ، އަންނަ އަހަރު އެ މަސައްކަތް ފަށައިގެން އައިއޯއައިޖީ ރާއްޖޭގެ ބޭއްވޭނެ ކަމަށް މިހާރު ގަބޫލުނުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެރިންނާއި އެތުލީޓުން ގަބޫލުކުރަނީ މިހާރު އޮތް ހާލަތުން ގޭމްސް ބޭއްވުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި، ހަމަޖެހިގެން ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ފެސިލިޓީތައް ގާއިމުކުރުމަށް ކަމަށެވެ.

މިހާރުގެ ހާލަތާއެކު ވަޒީރުންގެ މަޖިލީހަށް ވަރަށް އަވަހަށް ކަރުދާހެއް ހުށަހަޅާނެ ކަމަށާއި، އޭގައި ފާހަގަކުރާނެ ކަންތަކުގެ ތެރޭގައި 2023 ވަނަ އަހަރުގެ އައިއޯއައިޖީ 2025 ވަނަ އަހަރަށް ފަސްކުރުމަށް، ނޫނީ ކުރިއަށް އޮތް ގޭމްސް މިފަހަރު ދޫކޮށްލާފައި ދެން އަންނަ ގޭމްސް ބޭއްވުމަށް އެދުން ހިމެނޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިހާރުގެ މި ހާލަތާއެކު ގޮތެއް ނިންމުން ލަސްވެފައިވަނީވެސް ކިރިޔާވެސް ފުރުސަތެއް އޮތްތޯ ބެލުމަށް ކަމަށާއި، އެހެން ނަމަވެސް ވަރަށް އަވަހަށް ސީދާ ފައިނަލް ގޮތެއް ނިމިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށްވާއިރު، ރާއްޖޭން އައިއޯއައިޖީ ބޭއްވުމުގެ ބިޑް ކާމިޔާބުކުރީ މި ސަރަހައްދުގެ އެންމެ ބޮޑު ޖަޒީރާ ކަމަށްވާ މަޑަގަސްކަރަ އާއި ކޮމޮރޯސްއާ ވާދަކޮށްގެންނެވެ. އައިއޯއައިޖީގެ ބާއްވާ ގައުމެއް ކަނޑައަޅަން ނެގި ވޯޓުގައި ރާއްޖެއަށް ހަތަރު ގައުމެއްގެ ތާއީދު ލިބުނުއިރު، މަޑަގަސްކަރަ އާއި ކޮމޮރޯސް އަށް، ކޮންމެ ގައުމަކަށް ލިބުނީ އެއް ވޯޓެވެ.

- ކޮމެންޓް