މެންޗެސްޓާ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން އާކުރަން ބެލްޖިއަމުގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ސިޓީއާއެކު އުމުރުން 29 އަހަރުގެ މިޑްފީލްޑަރު މިހާރު ހަދާފައިވާ އެއްބަސްވުމުގައި ބާކީ ދެ އަހަރާ ބައި އެބައޮތެވެ. އެކަމަކު ރިޕޯޓުތައް ބުނާ ގޮތުން ސިޓީގެ އެއްބަސްވުން އިތުރު ފަސް އަހަރަށް އާކުރުމަށް ޑި ބްރޭނާ މިހާރު ވަނީ ނިންމާފައެވެ.
ޔޫރަޕުގެ މުބާރާތްތަކުން މީގެ ކުރިން ސިޓީ ސަސްޕެންޑް ކުރުމާއެކު، އެ ފަހަރު ޑި ބްރޭނާ ވަނީ ސިޓީ ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ދީފައެވެ. އެކަމަކު ފަހުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އިން ވަނީ ސިޓީގެ ސަސްޕެންޝަން އުވާލާފައެވެ.
ސިޓީގެ އެއްބަސްވުން އާކުރަން ޑި ބްރޭނާ ނިންމި ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް، ދާދި ފަހުން ޑި ބްރޭނާ ވަނީ ސިޓީގެ އެއްބަސްވުމާ ގުޅޭ ގޮތުން އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް ވާހަކައެއް ދެކެވިފައިނުވާ ކަމަށް ބުނެފައެވެ. އެކަމަކު ޑި ބްރޭނާ ބުނީ ސިޓީގައި އޭނާ ހުރީ އުފަލުން ކަމަށާއި، ސިޓީން ބޭނުންވާނަމަ ކުލަބުގައި މަޑުކުރާނެ ކަމަށެވެ.
މިދިޔަ ސީޒަނުގައި ޑި ބްރޭނާ ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، އޭނާ ވަނީ ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވި މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.
މީގެ ކުރިން ޗެލްސީއަށްވެސް ކުޅުނު ޑި ބްރޭނާ ސިޓީއާ ގުޅުނީ 2015 ވަނަ އަހަރު ވުލްފްސްބާގް ދޫކޮށް 55 މިލިޔަން ޕައުންޑަށެވެ. އޭނާ ވަނީ މިހާތަނަށް ސިޓީއަށް ކުޅެދިން 227 މެޗުގައި 58 ލަނޑު ޖަހާފައެވެ. އަދި ވަނީ ސިޓީއާއެކު ޕްރިމިއާ ލީގު ދެ ފަހަރު ކާމިޔާބުކުރުމުގެ އިތުރަށް އެފްއޭ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.