ގިނަ އަހަރުތަކެއް ވަންދެން ބާސެލޯނާގައި އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ މަޑުކޮށްފާނެ ކަމަށް އެ ޓީމުގެ ކުރީގެ ކެޕްޓަން ކާލެސް ޕުޔޯލް ބުނެފިއެވެ.
މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި މެސީ ވަނީ ބާސާ ދޫކޮށްލަން ނިންމައި، އެކަން އެ ކުލަބުގެ މެނޭޖުމަންޓަށް އަންގާފައެވެ. ބާސާއާއެކު މެސީ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ހޫނު މޫސުމުގައި ހަމަވަން އޮތްއިރު، މިހާރު އޮތް ގޮތުންނަމަ މި ޓްރާންސްފާ ބާޒާރުގައި މެސީ ގެންދަން ބޭނުންވާ ކުލަބަކުން، އެއްބަސްވުން އުވާލަން 700 މިލިޔަން ޔޫރޯ ދައްކަން ޖެހޭނެއެވެ. އެހެންކަމުން މެސީ ވަނީ އެއްބަސްވުން ބަދަލުކޮށް، މި ޓްރާންސްފާ ބާޒާރުގައި ހިލޭ އެ ކުލަބު ދޫކޮށް ދިޔުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް އެދެފައެވެ.
އެކަމަކު މެސީގެ އެއްބަސްވުމަށް ލުއި ދިނުމަށް ބާސާގެ މެނޭޖުމަންޓުން އެއްބަސްނުވުމާ ގުޅިގެން، މެސީ ވަނީ އޭނާގެ ނިންމުން ބަދަލުކޮށް މި ސީޒަނުގައި ބާސާގައި މަޑުކުރުމަށް ނިންމާފައެވެ.
އެފަހަރު މެސީ ބާސާ ދޫކޮށްލަން ނިންމާއެކު، އޭނާގެ އެ ނިންމުމަށް އިހުތިރާމު ކުރަން އެންމެ ފުރަތަމަ ގޮވާލީވެސް ޕުޔޯލެވެ. އެކަމަކު ދާދި ފަހުން ޕުޔޯލް ބުނީ ބާސާގެ ސަޕޯޓަރެއްގެ ހައިސިއްޔަތުން މެސީ ބާސާ ދޫކޮށްލަން އޭނާވެސް ބޭނުންނުވާ ކަމަށެވެ. އަދި ދާދި ފަހުން ބާސާއާއެކު އިތުރު ކާމިޔާބީތަކެއް ހޯދަން މެސީ ބުނެފައިވުމާއެކު، ބާސާގައި ގިނަ އަހަރުތަކެއް ވަންދެން މެސީ މަޑުކޮށްފާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މެސީ މީގެ ކުރިން ވަނީ ފާޅުކަން ބޮޑު ގޮތެއްގައި ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫގެ މެނޭޖުމަންޓަށް ފާޑުކީ ނަމަވެސް، ދާދި ފަހުން މެސީ ވަނީ ބާސާ ދޫކޮށްލަން ކުރި މަސައްކަތުގެ ތެރޭގައި ގޯހެއް ހެދިފައިވާނަމަ އެކަމަކަށް ކުލަބު އެންމެންގެ ކިބައިން މާފަށް އެދި، ބާސާއާއެކު ސުލްޙަވެފައެވެ.
އެއްބަސްވުމާ އެއްގޮތަށް މި ސީޒނުގައި ބާސާގައި މަޑުކުރަން މެސީ ނިންމާފައިވީ ނަމަވެސް، އުމުރުން މިހާރު 33 އަހަރުގެ މެސީގެ އެއްބަސްވުން ހަމަވުމާއެކު، އަންނަ ސީޒަން ނިމުމުން އޭނާ ހިލޭ ޓްރާންސްފާއެއްގެ ދަށުން ކުލަބު ދޫކޮށްލާނެ ކަމަށް ބެލެވެއެވެ.
ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީއަކީ ބާސާގެ ތާރީޚުގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އެގޮތުން މިހާތަނަށް 634 ލަނޑު މެސީ ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު ހޯދާފައެވެ. އަދި ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދާފައި ވާއިރު، މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް ހަ ފަހަރު ހޯދާފައެވެ. މެސީ އަކީ މި އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާއެވެ.