މަޔާމީ ހީޓް 106-93 ޕޮއިންޓުން ބަލިކުރުމަށްފަހު، 17 ވަނަ ފަހަރަށް އެންބީއޭގެ ޗެމްޕިއަންކަން ލޮސް އެންޖެލެސް ލޭކާސް ހޯދައިފިއެވެ.
މި ދެ ޓީމު ކުޅުނު ބެސްޓް އޮފް ސެވަން ސީރީސްގެ ހަވަނަ މެޗުން މަޔާމީ ހީޓުގެ މައްޗަށް ލޭކާސް ވަނީ ފަސޭހަމަކާއެކު ކުރި ހޯދާފައެވެ. މިއީ 2010 ވަނަ އަހަރު ޗެމްޕިއަން ތަށި ނެގި ފަހުން، އެ ޓީމުން ފައިނަލެއްގައިވެސް ކުޅުނު ފުރަތަމަ ފަހަރެވެ. މި ތާރީޚީ ކާމިޔާބާއެކު އެ ޓީމުން ވަނީ، އެންބީއޭގެ ތަށި އެންމެ ގިނައިން ނަގާފައިވާ ބޮސްޓޮން ސެލްޓިކްސްގެ ރިކޯޑާ އަރާ ހަމަކޮށްފައެވެ.
މި އަހަރުގެ ތަށި ލޭކާސްއަށް ހޯދައި ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކޮށްފައިވަނީ ބާސްކެޓްބޯޯޅަ ލެޖެންޑް ލެބްރޮން ޖޭމްސްއެވެ. އޭނާ ވަނީ މި މެޗުގައި 28 ޕޮއިންޓާއި، 14 ރީބައުންޑް އަޅައި، 10 އެސިސްޓް ހަދައި ޓްރިޕަލް ޑަބަލްއެއް ހާސިލުކޮށްފައެވެ.
މިފަހަރުގެ ފައިނަލްސް ސީރީސްގެ އެމްވީޕީގެ މަގާމުވެސް ލިބުނީ ޖޭމްސްއަށެވެ. މިއީ ޖޭމްސް އެންބީއޭގެ ޗެމްޕިއަންކަން ހޯދި ހަތަރުވަނަ ފަހަރެވެ.
އޭގެ އިތުރުން ޖޭމްސްއަކީ މި މުބާރާތުގެ ޗެމްޕިއަންކަން ތަފާތު ތިން ޓީމަކާއެކު ހޯދި ހަމައެކަނި ކުޅުންތެރިޔާއެވެ. އެގޮތުން އޭނާ ވަނީ މި މުބާރާތް 2012 އަދި 2013 ވަނަ އަހަރުގެ މަޔާމީ ހީޓާއެކުގައި، އަދި 2016 ވަނަ ކްލީވްލެންޑް ކެވެލިއާސްގައި ހުރިއިރު ޗެމްޕިއަންކަން ހޯދާފައެވެ.
ކޮވިޑް-19 ގެ ސަބަބުން މާޗު 11 ގައި މެދުކަނޑާލުމަށްފަހު އެންބީއޭ ފައިނަލްސް އަލުން ފެށީ ޖުލައި މަހުގެ 31 ގައެވެ. ފްލޮރިޑާގައި ހުންނަ ވޯލްޓް ޑިޒްނީ ވޯލްޑުގައި މެޗުތައް ބޭއްވީ ސަޕޯޓަރުން ނުވައްދައެވެ.