ޔުއެފާ ނޭޝަންސް ލީގުގެ ލީގު އޭ ގްރޫޕް ދޭއްގެ އެއްވަނައަށް އިންގްލެންޑް ޖެހިލައިފިއެވެ.
މި ގްރޫޕްގެ އެއްވަނައަށް އިންގްލެންޑް ޖެހިލީ އާދީއްތަ ދުވަހުގެރޭ އަމިއްލަ ގައުމުގައި ކުޅުނު މެޗުން ބެލްޖިއަމް އަތުން ފަހަތުން އަރައި 2-1 ން މޮޅުވެގެންނެވެ.
ވެމްބްލީ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އިންގްލެންޑުގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. އެގޮތުން މި ހާފުގައި ބެލްޖިއަމުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީވެސް ބެލްޖިއަމުންނެވެ. މެޗުގެ 16 ވަނަ މިނެޓުގައި ބެލްޖިއަމަށް ލީޑު ނަގައިދިނީ ޕެނަލްޓީއަކުން ރޮމެލޫ ލުކާކޫއެވެ. މިއީ އޭރިއާ ތެރެއިން ލުކާކޫއަށް އިންގްލެންޑުގެ އެރިކް ޑަޔާ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.
މެޗުގެ ކުރީކޮޅު ބެލްޖިއަމުން ލީޑު ނެގި ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންގްލެންޑުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ 39 ވަނަ މިނެޓުގައި ޕެނަލްޓީއަކުން އިންގްލެންޑަށް ނަތީޖާ އެއްވަރުކޮށްދިނީ މާކަސް ރަޝްފޯޑށެވެ. މިއީ އޭރިއާ ތެރެއިން އިންގްލެންޑުގެ ޖޯޑަން ހެންޑަސަނަށް ބެލްޖިއަމުގެ ތޯމަސް މުނިއޭ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.
މި މެޗުގެ ދެވަނަ ހާފުގައިވެސް ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، އިންގްލެންޑުން ލީޑު ނަގާފައިވަނީ 65 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މޭސަން މައުންޓެވެ.
މި މޮޅާއެކު ލީގު އޭ ގްރޫޕް ދޭއްގެ އެއްވަނައަށް އިންގްލެންޑް އެރީ ތިން މެޗުން ހަތް ޕޮއިންޓާއެކުއެވެ. ދެވަނައިގައި ބެލްޖިއަމް އޮތީ ތިން މެޗުން ހަ ޕޮއިންޓާ އެކުއެވެ. މި ގްރޫޕުގެ ތިންވަނައިގައި ތިން މެޗުން ހަތަރު ޕޮއިންޓާއެކު އޮތީ އާދީއްތަ ދުވަހުގެރޭ އައިސްލެންޑް އަތުން 3-0 ން މޮޅުވި ޑެންމާކެވެ. އައިސްލެންޑް އޮތީ ތިން މެޗުން ޕޮއިންޓެއް ނުލިބި ފުލުގައެވެ.
މީގެ އިތުރުން ލީގު އޭ ގްރޫޕް ތިނެއްގައި އާދީއްތަ ދުވަހުގެރޭ ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި ޔޫރަޕުގެ ޗެމްޕިއަން ޕޯޗުގަލް ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
ފްރާންސްގައި ކުޅުނު މި މެޗުގައި ދެ ޓީމަށްވެސް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެގޮތުން މި މެޗުގައި ދެ ޓީމަށްވެސް ގޯލާ އަމާޒުކޮށް އުފެއްދިފައިވަނީ އެންމެ ތިން ހަމަލާއެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ފްރާންސުން ކުޅުން ރަނގަޅުކޮށް މެޗު ޑޮމިނޭޓުކުރި ނަމަވެސް، އެ ޓީމަށްވެސް ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. މި މެޗު ނިމެން ދަނިކޮށް އެންމެ ހުސް ފުރުސަތެއް ލިބުނީ ޕޯޗުގަލުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށެވެ. އެކަމަކު އޭނާ ފޮނުވާލި ބާރު ހަމަލާ ފްރާންސްގެ ގޯލްކީޕަރު ހޫގޯ ލޮރިސް ވަނީ ދިފާއުކޮށްފައެވެ.
މި މެޗު އެއްވަރުވުމުން ފްރާންސާއި ޕޯޗުގަލަށް ކުޅުނު ތިން މެޗުން ވަނީ ހަތް ޕޮއިންޓް ލިބިފައެވެ. އެކަމަކު ގްރޫޕުގެ އެއްވަނަ ޕޯޗުގަލަށް ލިބެނީ ލަނޑުގެ ތަފާތުންނެވެ. މި ގްރޫޕުގެ ތިންވަނައިގައި ތިން މެޗުން ތިން ޕޮއިންޓާއެކު ކްރޮއޭޝިއާ އޮތްއިރު، ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ސްވިޑެންއެވެ. އާދީއްތަ ދުވަހުގެރޭ ކްރޮއޭޝިއާ ވަނީ ސްވިޑެން އަތުން 2-1 ން މޮޅުވެފައެވެ.