ކ. މާލެ
|
9 އޮކްޓޯބަރ 2020 | ހުކުރު 22:04
މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ
މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ
ގެޓީ އިމޭޖަސް
ރެއާލަށް ކުޅެން ޕޮގްބާ ބޭނުންވުން
ރެއާލަށް ކުޅުމަކީ ދެކެމުން އަންނަ ހުވަފެނެއް: ޕޮގްބާ
ޕޮގްބާ ޔުނައިޓެޑުގެ އެއްބަސްވުމުގައި ހުރީ އަންނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް
ޕޮގްބާ ހޯދުމަށް ރެއާލުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނޭ

ކޮންމެވެސް ދުވަހަކުން ރެއާލް މެޑްރިޑަށް ކުޅުމަކީ ދެކެމުން އަންނަ ހުވަފެނެއް ކަމަށް މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ ބުނެފިއެވެ.

މީގެ ކުރިން އެތައް ފަހަރަކު މީޑިއާތަކުން ވަނީ ޕޮގްބާ ހޯދުމަށް ރެއާލުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުކޮށްފައެވެ. އެގޮތުން މި ނިމުނު ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައިވެސް ޕޮގްބާ އާއި ރެއާލާ ގުޅުވައިގެން ވަނީ އެކި ވާހަކަތައް ރިޕޯޓުކޮށްފައެވެ.

ދާދި ފަހުން ޕޮގްބާ ބުނީ ކޮންމެ ކުޅުންތެރިއަކު ވެސް ރެއާލަށް ކުޅެން ބޭނުންވާނެ ކަމަށާއި، އެއީ ކޮންމެ ކުޅުންތެރިއެއްގެވެސް ހުވަފެނެއް ކަމަށެވެ. އެގޮތުން އެއީ އޭނާވެސް ދެކެމުން އަންނަ ހުވަފެނެއް ކަމަށާއި، ކޮންމެވެސް ދުވަހަކުން ރެއާލާ ގުޅެން ބޭނުންވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ޕޮގްބާ މި ވަގުތު ޔުނައިޓެޑުގެ އެއްބަސްވުމުގައި ހުރީ އަންނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށެވެ. އެކަމަކު ޔުނައިޓެޑުން ބޭނުންނަމަ އިތުރު އެއް އަހަރަށް ޕޮގްބާގެ އެއްބަސްވުން އައު ކުރުމުގެ ފުރުސަތު އެބައޮތެވެ.

މީގެ ކުރިން ޕޮގްބާގެ އޭޖެންޓް ބުނީ ޕޮގްބާއަށް ލިބޭ އެއްވެސް ހުށަހެޅުމެއް ޔުނައިޓެޑުން ގަބޫލުނުކުރާނެ ކަމަށާއި، ވަރަށް އަވަހަށް ޕޮގްބާގެ އެއްބަސްވުން އައު ކުރުމާ ބެހޭގޮތުން މަޝްވަރާތައް ފަށާނެ ކަމަށެވެ.

ޔުނައިޓެޑުން 2010 ވަނަ އަހަރު ކެރިއަރު ފެށި ޕޮގްބާ މީގެ ކުރިން ވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން ޔުވެންޓަސްއަށް ބަދަލުވެ އެ ޓީމުގައި ހަތަރު ސީޒަން ހޭދަކޮށްފައެވެ. އޭގެ ފަހުން އަނެއްކާވެސް ޕޮގްބާ އަނބުރާ ޔުނައިޓެޑަށް ބަދަލުވީ 2016 ވަނަ އަހަރު 105 މިލިޔަން ޔޫރޯއަށެވެ.

ޕޮގްބާ ވަނީ މިހާތަނަށް ޔުނައިޓެޑާއެކު އިނގިރޭސި ލީގު ކަޕުގެ އިތުރަށް ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް