ކ. މާލެ
|
9 އޮކްޓޯބަރ 2020 | ހުކުރު 18:13
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ޔޫސުފް ސޮފްވާން ރަޝީދު
ގްރީން ޓެކްސްގެ އާމްދަނީ
އޮގަސްޓް މަހު ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރާ އަޅާބަލާއިރު ދަށަށް
އޮގަސްޓްމަހު ގްރީން ޓެކްސްގެ ގޮތުގައި 5.2 މިލިއަން ރުފިޔާ ލިބުނު
މިދިޔަ އަހަރުގެ އޮގަސްޓްމަހު ގްރީން ޓެކްސްގެ ގޮތުގައި ލިބުނު 72 މިލިއަން ރުފިޔާ

އޮގަސްޓް މަހުގެ ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ދަށަށް ގޮސްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިއަހަރުގެ އޮގަސްޓް މަހުގައި ލިބިފައިވާ ގްރީން ފަންޑްގެ ރިޕޯޓް ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައި ވާއިރު މިއަހަރުގެ އޮގަސްޓް މަހު ދައުލަތަށް ލިބިފައިވަނީ 5.2 މިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކޮށްފައިވާ ރިޕޯޓުތައް ދައްކާ ގޮތުން އޮގަސްޓް މަހު ގްރީން ޓެކްސްގެ ގޮތުގައި 5.2 މިލިއަން ރުފިޔާ ލިބުނުއިރު، މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ގްރީން ޓެކްސްގެ ގޮތުގައި ލިބުނު 72 މިލިއަން ރުފިޔާއާ އަޅާބަލާއިރު 92.7 އިންސައްތަ ދަށް އަދަދެކެވެ.

އާންމު ކުރި ރިޕޯޓް އިން ދައްކާ ގޮތުގައި ޖޫން މަހު ގްރީން ޓެކްސް އެކޭ ވެސް އެއްފަދައިން އެންމެ ގިނައިން ލިބިފައި ވަނީ ކ. އަތޮޅުގައި ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުންނެވެ. އެގޮތުން ކ.އަތޮޅުގެ ސަފާރީ، ހޮޓާ އަދި ގެސްޓު ހައުސްތަކުން ގްރީން ޓެކްސްގެ ގޮތުގައި 1.8 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.

މިއަދަދާ ޖެހިގެން އެންމެ ގާތް ކުރާ އަދަދަކަށް ގްރީން ޓެކްސް ލިބިފައިވަނީ ރ. އަތޮޅުންނެވެ. ރ. އަތޮޅުން ގްރީން ޓެކްސްގެ ގޮތުގައި ހަތްލައްކަ ރުފިޔާ ލިބިފައިވާއިރު ދެން އެންމެ ގިނައިން ގްރީންޓެކްސް ގެ ޓެކްސް ލިބިފައިވަނީ އދ. އަތޮޅުންނެވެ. އެއީ ފަސް ލައްކަ ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީން ހާމަކުރި ރިޕޯޓުގައިވާ ގޮތުގައި އޮގަސްޓް މަހުގައި 6.2 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދި ގްރީން ފަންޑުގައި ބެލެންސްގައި 907 މިލިއަން ރުފިޔާ ހުރި ކަމަށް ދައްކައެވެ.

ކޯވިޑް19އާ ގުޅިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަށްވުމުގެ ސަބަބުން އެހެން އަހަރުތަކާއި އަޅާބަލާއިރު މިއަހަރު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތައް ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑުތަނުން ދަށްވެފައެވެ.

- ކޮމެންޓް