ކ. މާލެ
|
7 އޮކްޓޯބަރ 2020 | ބުދަ 14:06
އާސެނަލުގެ މެސްކޮޓް \"ގަނާސޯރަސް\": ޖެރީ ކުއީގެ ޚަރަދު އޮޒިލް ބަލަހައްޓާނެ
އާސެނަލުގެ މެސްކޮޓް "ގަނާސޯރަސް": ޖެރީ ކުއީގެ ޚަރަދު އޮޒިލް ބަލަހައްޓާނެ
ގެޓީ އިމޭޖަސް
ގަނާސޯރަސްގެ ޚަރަދު އޮޒިލް ބެލެހެއްޓުން
އާސެނަލުގެ މެސްކޮޓުގެ ޚަރަދުތައް އޮޒިލް ބަލަހައްޓަނީ
ކުއީ ވަކިކުރަން އާސެނަލުން ނިންމީ ކުލަބުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން
އާސެނަލް ކުޅުންތެރިއެއްގެ ގޮތުގައި ހުރިހާ ހިނދަކު އަމިއްލަ މުސާރައިން ކުއީގެ މުސާރަ ހަމަޖައްސައިދޭން އޮޒިލް ވަނީ ހުށަހަޅާފައި

އާސެނަލުގެ މެސްކޮޓް "ގަނާސޯރަސް" ދޫކޮށްލަން އެ ކުލަބުން ނިންމުމާއެކު، މެސްކޮޓުގެ ޚަރަދުތައް ބަލަހައްޓަން ތައްޔާރަށް ހުރި ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ޖަރުމަނުގެ މިޑްފީލްޑަރު މެސުޓް އޮޒިލް ބުނެފިއެވެ.

އާސެނަލްގެ މެސްކޮޓުގެ ގޮތުގައި މިދިޔަ 27 އަހަރު މަސައްކަތް ކޮށްފައިވަނީ ޖެރީ ކުއީއެވެ. 1993 ވަނަ އަހަރުން ފެށިގެން އާސެނަލް މެސްކޮޓުގެ ގޮތުގައި އޭނާ މަސައްކަތް ކުރަމުން އައި ނަމަވެސް، ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އާސެނަލުން ވަނީ ކުލަބުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން 55 މީހަކު މަގާމުން ވަކިކުރަން ނިންމާފައެވެ. އޭގެ ތެރޭގައި ކުއީވެސް ހިމެނުނެވެ.

އެކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރިއިރު، އޮޒިލް ކުރި ޓްވީޓެއްގައި ވަނީ ގަނާސޯރަސްއަށް އޮތް ލޯބި ހިއްސާކޮށް، އާސެނަލް ކުޅުންތެރިއެއްގެ ގޮތުގައި ހުރިހާ ހިނދަކު އޭނާގެ މުސާރައިން ކުއީގެ މުސާރަ ހަމަޖައްސައިދޭނެކަން އެ ކުލަބަށް ހުށަހަޅާފައެވެ.

އާސެނަލުގެ މެސްކޮޓުގެ ޚަރަދުތައް ބަލަހައްޓަން އޮޒިލް ހުށަހެޅިއިރު، އޭނާ އަކީ އާސެނަލުގައި މިވަގުތު ހުރި އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާއެވެ. އުމުރުން 31 އަހަރުގެ އޮޒިލް މި ސީޒަނުގެ ނިޔަލަށް އާސެނަލުގެ އެއްބަސްވުމުގައި ހުރީ ހަފުތާއަކު 350،000 (ތިން ލައްކަ ފަންސާސް ހާސް) ޕައުންޑް ލިބޭ ގޮތަށެވެ.

މީގެ ކުރިން އޮޒިލް ވިއްކާލަން އާސެނަލުން މަސައްކަތް ކުރަމުން އައި ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވީ ނަމަވެސް، އޮޒިލް އާސެނަލް ދޫކޮށްލާނީ އެއްބަސްވުން ހަމަވުމުން އަންނަ އަހަރުގެ ހޫނު މޫސުމުގައި ކަމަށް ދާދި ފަހުން ވަނީ ރިޕޯޓުކޮށްފައެވެ.

އޮޒިލަށް އާސެނަލުގެ ފުރަތަމަ އެގާރައިން ޖާގަ ލިބުން ދަތިވެފައިވާއިރު، މީގެ ކުރިން އޮޒިލް ވަނީ އާސެނަލާ ދެމެދު މައްސަލަ ޖެހުނު ސަބަބު މީގެ ކުރިން ސާފުކޮށްދީފައެވެ. އޮޒިލް ބުނީ އޭނާ އާއި އާސެނަލާ ދެމެދު މައްސަލަ ޖެހުނީ ކޮވިޑް-19 ގެ ސަބަބުން ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަށް ބުނުމުން، އެކަމަށް ދެކޮޅު ހެދި ހިސާބުން ކަމަށެވެ. އަދި އެކަމަށް ދެކޮޅު ހެދީ އާސެނަލަށް އޭނާ ކުރިމަތިކުރި ސުވާލުތަކަށް ކުލަބުން ޖަވާބުދާރީ ނުވުމުން ކަމަށްވެސް އޮޒިލް ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން އާސެނަލަށް ލިބުނު މާލީ ގެއްލުންތަކުގެ ސަބަބުން މިދިޔަ އޭޕްރީލް މަހު އެ ކުލަބުގެ ކޯޗު މިކޭލް އާޓެޓާ އާއި ޓީމުގެ ބައެއް ކުޅުންތެރިން ވަނީ އެ މަހުގެ މުސާރައިން 12.5 އިންސައްތަ އުނިކުރަން އެއްބަސްވެފައެވެ. އަދި އާސެނަލުގެ ބޯޑު މެމްބަރުން ވަނީ އަންނަ އަހަރުގެ އޭޕްރީލް މަހާ ހަމައަށް މުސާރައިގެ ވަކި އިންސައްތައެއް ނުނަގާ ގޮތަށް ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް