ކ. މާލެ
|
5 އޮކްޓޯބަރ 2020 | ހޯމަ 13:17
ނާޕޮލީއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ޔުވެންޓަސްގެ ކުޅުންތެރިން ދަނޑަށް ހާޒިރުވަނިކޮށް
ނާޕޮލީއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ޔުވެންޓަސްގެ ކުޅުންތެރިން ދަނޑަށް ހާޒިރުވަނިކޮށް
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
ކޮވިޑް-19 އަށް ކުޅުންތެރިންތަކެއް ޕޮޒިޓިވްވުމުން ނާޕޮލީން މެޗަށް ހާޒިރެއް ނުވި
ނާޕޮލީގެ ކުޅުންތެރިން ހާޒިރުނުވުމުން 45 މިނެޓު ފަހުން ރެފުރީ ވަނީ މެޗު ނިންމާލާފައި
އިޓާލިއަން ލީގުގެ ބޯޑުން މި މެޗާ ބެހޭގޮތުން އަދި ވަކި ގޮތެއް ނުނިންމާ

ކޮވިޑް-19 އަށް ކުޅުންތެރިންތަކެއް ޕޮޒިޓިވްވުމުން އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެރޭ ޔުވެންޓަސްއާ ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް މެޗަށް ނާޕޮލީން ހާޒިރެެއް ނުވިއެވެ.

ޔުވެންޓަސްގެ ދަނޑުގައި ކުޅެން ހަމަޖެހިފައި އޮތް މި މެޗަށް ނާޕޮލީގެ ކުޅުންތެރިން ހާޒިރުނުވުމުން 45 މިނެޓު ފަހުން ރެފުރީ ވަނީ މެޗު ނިންމާލާފައެވެ. އާންމު ގޮތެއްގައި މެޗަށް ޓީމެއް ހާޒިރުނުވެއްޖެނަމަ އިދިކޮޅު ޓީމަށް 3-0 ން މެޗު ލިބޭ ގޮތަށް އޮންނަ ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން ދިމާވި ކަމަކަށްވާތީ އިޓާލިއަން ލީގުގެ ބޯޑުން މި މެޗާ ބެހޭގޮތުން އަދި ވަކި ގޮތެއް ނުނިންމައެވެ.

އިޓަލީގެ ރިޕޯޓުތައް ބުނާ ގޮތުން މި މެޗުގެ ކުރިން ނާޕޮލީގެ ދެ ކުޅުންތެރިން ކަމަށްވާ ޕިއޮޓްރޭ ޒިއެލިންސްކީ އާއި އެލިފް އެލްމާސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެހެންކަމުން ނާޕޮލީގެ މުޅި ޓީމު އައިސޮލޭޓް ވާން ނޭޕްލްސް ސިއްހީ އިދާރާއިން ވަނީ އަންގާފައެވެ.

ނާޕޮލީގެ ދެ ކުޅުންތެރިން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު މީގެ ކުރިން އެ ޓީމުން ވަނީ މި މެޗު ފަސްކޮށްދިނުމަށްވެސް އެދެފައެވެ. އެކަމަކު އެގޮތަށް އިޓާލިއަން ލީގުން ނިންމާފައިނުވާތީ، ޔުވެންޓަސްއިން ވަނީ މެޗަށް ހާޒިރުވެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ނާޕޮލީގެ އިތުރުން ޔުވެންޓަސްއިންވެސް ވަނީ މި މެޗުގެ ކުރިން ޕޮޒިޓިވް ކޭސްތަކެއް ފެނިފައެވެ. އެކަމަކު އެއީ އެ ޓީމުގެ ދެ އޮފިޝަލުން ކަމަށްވާތީ މެޗު ފަސްކުރަން ނިންމާފައެއް ނުވެއެވެ.

ޔުވެންޓަސް އާއި ނާޕޮލީ ބައްދަލުކުރަން އޮތް މެޗު ކުޅެފައި ނުވި ނަމަވެސް، އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން އޭސީ މިލާން ވަނީ ސްޕެޒިއާ އަތުން 3-0 ން މޮޅުވެފައެވެ. އަދި ލާޒިއޯ އާއި އިންޓަ މިލާން ބައްދަލުކުރި މެޗު ނިމުނީ 1-1 ން ދެ ޓީމު އެއްވަރުވެގެންނެވެ.

އިޓާލިއަން ލީގިގެ ތާވަލަށް ބަލާއިރު، އެން މެ ފަހުގެ ޗެމްޕިއަން ޓީމު ކަމަށްވާ ޔުވެންޓަސް އޮތީ ތާވަލުގެ އަށްވަނައިގައި ދެ މެޗުން ހަތަރު ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި އޮތް އެޓަލާންޓާ އާއި ދެވަނައިގައި އޮތް މިލާނަށް ވަނީ ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައެވެ. އަދި އިންޓަ އޮތީ ތާވަލުގެ ހަތަރުވަނައިގައި ތިން މެޗުން ހަތް ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް