ކ. މާލެ
|
3 އޮކްޓޯބަރ 2020 | ހޮނިހިރު 21:02
ޑޯޓްމުންޑާއި ފްރެއިބާގް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޑޯޓްމުންޑް މޮޅުވީ 4-0 ން
ޑޯޓްމުންޑާއި ފްރެއިބާގް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޑޯޓްމުންޑް މޮޅުވީ 4-0 ން
ގެޓީ އިމޭޖަސް
ޖަރުމަން ލީގު
ހާލަންޑުގެ ދެ ލަނޑާއެކު ފްރެއިބާގް އަތުން ޑޯޓްމުންޑަށް ފަސޭހަ މޮޅެއް
ފްރެއިބާގް އަތުން ޑޯޓްމުންޑް މޮޅުވީ 4-0 ގެ ނަތީޖާއަކުން
މި މޮޅާއެކު ޑޯޓްމުންޑް އޮތީ ތާވަލުގެ ދެވަނައިގައި ހަ ޕޮއިންޓާއެކު

ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ފްރެއިބާގް އަތުން ފަސޭހަކަމާއެކު ބޮރޫޝިއާ ޑޯޓްމުންޑް މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޑޯޓްމުންޑް މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ޑޯޓްމުންޑުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 31 ވަނަ މިނެޓުގައި މި ލަނޑު ޑޯޓްމުންޑަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް އާލިން ހާލަންޑެވެ.

ދެވަނަ ހާފުގައި ޑޯޓްމުންޑުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މި ހާފު ފަށައިގެން ދެވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އެމްރޭ ޗޭނެވެ. އަދި މެޗުގެ 66 މިނެޓުގައި ޖިއޮވާނީ ރޭނާގެ އެހީއާއެކު ހާލަންޑް ވަނީ ޑޯޓްމުންޑުގެ ތިންވަނަ ލަނޑު ޖަހާފައެވެ.

މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި ޑޯޓްމުންޑުން މި މެޗުގައި ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ. އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ހާލަންޑުގެ އެހީއާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ފީލިކްސް ޕާސްލަކެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޑޯޓްމުންޑް ވަނީ ލީގު ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. އެ ޓީމަށް ވަނީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ލިބިފައެވެ. ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ އެއިންޓްރެކްޓް ފްރެންކްފަޓެވެ. އަދި ޑޯޓްމުންޑް އަތުން ބަލިވި ފްރެއިބާގް އޮތީ ތާވަލުގެ 11 ވަނައިގައި ތިން މެޗުން ހަތަރު ޕޮއިންޓާއެކުއެވެ.

ލީގުގައި ދެން ޑޯޓްމުންޑުން މެޗެއް ކުޅޭނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އެ ދުވަހު ރަށުން ބޭރުގައި ޑޯޓްމުންޑް ނުކުންނާނީ ހޮފެންހެއިމާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް