ކ. މާލެ
|
1 އޮކްޓޯބަރ 2020 | ބުރާސްފަތި 14:06
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބެލްޖިއަމް ތަރި އެޑެން ހަޒާޑް
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބެލްޖިއަމް ތަރި އެޑެން ހަޒާޑް
ގެޓީ އިމޭޖަސް
ހަޒާޑަށް އަނެއްކާވެސް އަނިޔާވުން
ހަޒާޑަށް އަނެއްކާވެސް އަނިޔާގެ މައްސަލައެއް
މިފަހަރު ހަޒާޑަށް އަނިޔާވީ ފަރިތަކުރުންތަކުގެ ތެރެއިން އޭނާގެ ކަނާތު ފަޔަށް
މަސް ދުވަސް ވަންދެން ހަޒާޑް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބެލްޖިއަމް ތަރި އެޑެން ހަޒާޑް އަނެއްކާވެސް އަނިޔާވެ، މަސް ދުވަސް ވަންދެން ކުޅުމާ ދުރަށްދާން ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އަނިޔާގެ ސަބަބުން އުމުރުން 29 އަހަރުގެ ހަޒާޑަށް މިދިޔަ ސީޒަނުގައި ވެސް ގިނަ މެޗުތަކެއް ގެއްލުނުއިރު، ކުޅުނު 22 މެޗުގައި ޖެހުނީ އެންމެ ލަނޑެކެވެ. ރެއާލުގެ ޕްރީ-ސީޒަނާ ގުޅުމަށް ފަހު ހަޒާޑް ވަނީ ބެލްޖިއަމް ގައުމީ ޓީމުން ޔުއެފާ ނޭޝަންސް ލީގުގައި ކުޅުނު ދެ މެޗުގެ ސްކޮޑުގައި ހިމެނިގެން ގައުމީ ޓީމާއެކު ގޮސްފައެވެ. އެކަމަކު ބެލްޖިއަމުން ނޭޝަންސް ލީގުގައި ކުޅުނު ދެ މެޗުގައިވެސް ހަޒާޑް ބޭނުން ކޮށްފައެއް ނުވެއެވެ.

އަނިޔާއިން ރަނގަޅުވެ ސްޕެނިޝް ލީގުގައި ބުދަ ދުވަހުގެރޭ ރެއާލް ކުޅުނު މެޗުގައި ހަޒާޑް ކުޅެން އޮތް ނަމަވެސް، އެ މެޗުގެ ކުރިން ހަޒާޑުގެ ކަނާތު ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށް ރެއާލުން ވަނީ ހާމަކޮށްފައެވެ.

ރެއާލުގެ ކޯޗު ޒިނެދިން ޒިދާން ބުނީ މިފަހަރު ހަޒާޑަށް އަނިޔާވީ ރެއާލުގެ ފަރިތަކުރުންތަކުގެ ތެރެއިން ކަމަށާއި، އަދި ލިބުނު އަނިޔާއާ ގުޅިގެން އޭނާ ކުޅުމާ ދުރުގައި ހުންނަންޖެހޭނެ މުއްދަތެއް ބުނަން ނޭނގޭ ކަމަށެވެ. އެކަމަކު ރިޕޯޓުތައް ބުނާ ގޮތުން މި އަނިޔާއާ ގުޅިގެން ހަޒާޑް މަސް ދުވަސް ވަންދެން އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެއެވެ. އެހެންކަމުން މި މަހުގެ 25 ވަނަ ދުވަހު ރެއާލުން ބާސެލޯނާއާ ދެކޮޅަށް ކުޅޭ އެލް ކްލަސިކޯ މެޗުގައިވެސް ހަޒާޑަށް ނުކުޅެވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަޒާޑަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާއިރު، މިދިޔަ ސީޒަނުގައި ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާ ގުޅިގެން އޭނާ އޮޕަރޭޝަނެއްވެސް ކުރިއެވެ.

ޗެލްސީގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އައި ހަޒާޑް ރެއާލަށް ބަދަލުވެފައިވަނީ ބޮޑު ޓްރާންސްފާ ފީއަކަށް މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެކަމަކު އަނިޔާގެ ސަބަބުން މިދިޔަ ސީޒަނުގައި އޭނާގެ އެންމެ މޮޅު ކުޅުން ދެއްކިފައެއް ނުވެއެވެ. އަދި ހަޒާޑުގެ ފަރާތުން ފެންނަ ބައެއް ކަންތައްތަކަށް މީޑިއާއިން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެ ގޮތުން މިދިޔަ އަހަރެކޭ އެއްގޮތަށް މި ފަހަރުގެ ޕްރީ-ސީޒަނަށް ޓީމާ ގުޅުނުއިރު ހަޒާޑުގެ ބަރުދަން ހުރީ އާންމުކޮށް ހުންނަން ޖެހޭ ވަރަށް ވުރެ މަތީގައި ކަމަށް ބުނެ މީޑިއާގައި ވަރަށް ބޮޑަށް އެ ވާހަކަތައް ދެކެވުނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް