ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމު ހިދުމަތްދޭ ތަންތަން އިންސްޕެކްޓް ކުރުމަށްފަހު މިންގަނޑަށް ފެތޭ ކަމަށް ނިންމާ ދެމުން އަންނަ ސްޓިކާ ބައެއް ފަރާތްތަކުން ނަކަލް ކުރަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މާލޭގެ ލޮކްޑައުންނަށް ދިން ލުއިތަކާއި އެކު އެޗްޕީއޭއިން ވަނީ އެ އެޖެންސީއިން ކަނޑައަޅާފައިވާ މިންގަނޑަށް އާންމު ހިދުމަތްދޭ ތަންތަނުން އަމަލު ކުރަމުންދޭތޯ ބެލުމަށް ހާއްސަ އިންސްޕެކްޝަނެއް ކުރިޔަށް ގެންދަމުންނެވެ. މިހާރު ކުރިޔަށް ގެންދާ ހަތަރުވަނަ އިންސްޕެކްޝަނާއި ގުޅޭ ގޮތުން ބުދަ ދުވަހު އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އެޗްޕީއޭއިން ތަންތަން އިންސްޕެކްޓް ކުރަންދާއިރު، އެތަނަކީ އިންސްޕެކްޓް ކޮށްފައިވާ ތަނެއްގެ ގޮތުގައި ދެއްކުމަށް ބައެއް ފަރާތްތަކުން އެޗްޕީއޭގެ ސްޓިކާ ބޭނުން ކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މިހާރު ކުރިޔަށްދާ އިންސްޕެކްޝަނުގައި، އެޗްޕީއޭ އިން ތަންތަން އިންސްޕެކްޝަން ކުރުމަށްފަހު ރަނގަޅު ކަމަށް ނިންމާ ދެމުން އަންނަ ސްޓިކާ އަމިއްލަ އަށް ތައްޔާރު ކޮށްގެން ބޭނުން ކުރަމުން އަންނަކަން ވަނީ ފާހަގަ ކުރެވިފައި. މިގޮތަށް ހުންނަ ތަންތަން ގަވައިދާ އެއްގޮތްވި ކަމުގައި ވިޔަސް އަޅުގަނޑުމެން އަށް ޖެހޭނީ ފިޔަވަޅު އަޅަންހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް
ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ އިންސްޕެކްޓް ކުރަންދާ ތަނަކީ އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އަމަލުކުރާ ތަނަކަށްވިޔަސް އެޗްޕީއޭގެ ސްޓިކާ ގަވާއިދާ ހިލާފަށް ބޭނުން ކުރާނަމަ ފިޔަވަޅު އަޅާނެކަމަށެވެ. އާންމު ޚިދުމަތްދޭ ތަންތަނުން އުސޫލުތަކާ އެއްގޮތަށް އަމަލު ކުރަމުންދޭތޯ ބެލުމަށް މީގެކުރިން ވެސް މާސް އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އުސޫލުތަކާ ޚިލާފުވެފައިވާ ފަރާތްތަކާ މެދު ވަނީ ފިޔަވަޅު ވެސް އަޅާފައެވެ.
އުސޫލާ ހިލާފަށް ތަނުގައި ޚިދުމަތް ދެވޭނަމަ ފިޔަވަޅު އަޅާ ގޮތަށް ބަލާއިރު، ފުރަތަމަ ފަހަރު ނަމަ 48 ގަޑީއިރަށް ތަން ބަންދު ކުރެވޭނެއެވެ. އަދި ތަން އަލުން ހުޅުވާ ދެވޭނެ ގޮތަކީ ބަންދު ކުރާ ވަގުތުން ފެށިގެން 48 ގަޑީއިރު ފަހުންނެވެ. ދެވަނަ ފަހަރު ނަމަ ތަން ބަންދު ކުރުމަށްފަހު 1000 ރުފިޔާއިން ޖޫރިމަނާ ކުރާއިރު، ތަން ހުޅުވޭނީ ބަންދު ކުރާ ވަގުތުން ފެށިގެން 72 ގަޑީއިރު ފަހުންނެވެ. ތިންވަނަ ފަހަރު ނަމަ، ތަން ބަންދު ކުރުމަށްފަހު 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި ތަން އަލުން ހުޅުވޭނީ ބަންދު ކުރާ ވަގުތުން ފެށިގެން ފަސް ދުވަސް ފަހުންނެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އާންމު ޚިދުމަތްދޭ ތަންތަނުން އަމަލުކުރަންވީ އުސޫލެއް އެކުލަވާލާފައިވާއިރު، އެ އުސޫލާ އެއްގޮތަށް އަމަލު ކުރުމަށް އެޗްޕީއޭއިން ވަނީ ތަކުރާރުކޮށް އިލްތިމާސް ކޮށްފައެވެ.