2016 ވަނަ އަހަރު އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު އިއާން ޕޭސްލީ ރާއްޖޭގައި ޗުއްޓީ ހޭދަކުރެއްވީ މެންބަރުން ޗުއްޓީ ދަތުރުތައް ކުރައްވަން ޖެހޭ އުސޫލުތަކާއި ހިލާފަށް ކަން ހާމަވެއްޖެއެވެ.
އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލިސް މެންބަަރަކު ޗުއްޓީއަށް ވަޑައިގަންނަވާނަމަ މަޖިލީހުގެ އިދާރާގައި އެ ޗުއްޓީ ދަތުރެއް ރަޖިސްޓްރީ ކުރައްވަން ޖެހެއެވެ. އެކަމަކު ޕޭސްލީ ރާއްޖެއަށް ކުރެއްވި އަގުބޮޑު ޗުއްޓީ ދަތުރު ރަޖިސްޓްރީ ކުރައްވާފައެއް ނުވެއެވެ.
އިއާން ޕޭސްލީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ މައްސަލަ ތަހުގީގު ކޮށްފައިވަނީ ގާނޫނު ހަދާ މަޖިލީހުގެ ޕާލިމެންޓަރީ ސްޓެންޑަޑްސް ކޮމިޝަނަރެވެ. ޕާލަމެންޓަރީ ކޮމިޝަނަރ ކެތްރިން ސްޓޯން ވިދާޅުވީ، ރާއްޖޭގައި ހޭދަކުރެއްވި ޗުއްޓީގެ ތަފްސީލު ހިއްސާ ކުރައްވާފައި ނުވަތީ އިއާން ޕޭސްލީ ވަނީ މާފަށް އެދިވަޑައިގެންފައެވެ.
ތަހުގީގު ކުރިޔަށް ގެންދެވިއިރު އިއާންގެ ފަރާތުން އެންމެ އެކަށީގެންވާ ވަރަށް އެއްބާރުލުން ލިބިވަޑައިގެންފައިނުވާ ކަމަށްވެސް ކެތްރިން ވިދާޅުވިއެވެ. އިއާން ރާއްޖެ ކުރެއްވި ޗުއްޓީގެ ރަޖިސްޓާ ކުރައްވާފައި ވާތީ އޭނާއާ މެދު އިތުރު ފިޔަވަޅެއް ނާޅައި މައްސަލަ ވަނީ ނިންމާފައެވެ.
ޕެއިސްލީ ރާއްޖޭގައި ހޭދަކުރެއްވި އަގުބޮޑު ޗުއްޓީ ރެޖިސްޓްރީ ކުރައްވާފައިވާ ނުވާކަން ހާމަކުރީ 2018 ވަނަ އަހަރު ބީބީސީން ގެނެސްދިން ޕްރޮގްރާމެއްގައެވެ. ބީބީސީން ބުނެފައިވާ ގޮތުން އިއާން ޗުއްޓީ ހޭދަ ކުރައްވާފައިވަނީ ސަންލެންޑް ހޮޓަލްސް އިން ހިންގަމުން އަންނަ ކޮކޯ ބޮޑު ހިތީގައެވެ. އަދި އެ ޗުއްޓީއަށް ޙަރަދު ކުރެއްވީ ޑރ. ޝައިނީ ކަމަށް ވެސް ބީބީސީގައި ރިޕޯޓް ކުރިއެވެ.
ސަންލެންޑް ހޮޓަލްސްގެ ވެރިޔާ ހުސައިން ހިލްމީ ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ސަންލެންޑް ހޮޓަލްސްގެ ރިސޯޓުތަކުގެ ރޭޓިންގްސް ޝައިނީ ބެއްލެވި ކަމަށާއި، ޕެއިސްލީގެ ޗުއްޓީއަށް ޝައިނީ ފައިސާ ދެއްކެވީ ހެޑް އޮފީހަށް ކަމަށެވެ. އެހެން ނަމަވެސް އެވާހަކަތައް ޑރ. ޝައިނީ ވަނީ ބީބީސީ ގައި ދޮގު ކުރައްވާފައެވެ.