ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބަލަމުންދާ މައްސަލަ ސާފުކޮށް ނުދެއްވާ، ވަކީލުގެ ހާޒިރުގައި މައްސަލައާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކެވުމަށް މައްސަލަ ބަލަމުންދާ ކޮމިޓީގައި ތިއްބެވި ބޭފުޅުން އުޒުރުވެރިވެ ވަޑައިގަތް ކަމަށް ޓީޓީ އެސޯސިއޭޝަނުގެ ކުރީގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގެންނެވި އަދި މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) ވިދާޅުވެއްޖެއެވެ.
އަލިބެގެ މައްސަލައެއް ބަލަމުންދާކަން ޓީޓީ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ވަނީ މީގެ ކުރިން މެސެޖަކުން އަލިބެއަށް އަންގާފައެވެ. އަދި މައްސަލަ ބަލައި ނިމެންދެން ޓީޓީ އެސޯސިއޭޝަނުގެ އެއްވެސް ކުޅިވަރު ކުޅޭ ތަނެއް ބޭނުންކުރުން އަލިބެއަށް މަނާކުރިއިރު، ޓީޓީ ހޯލުގައި ކުޑަކުދިންނަށް ކޯޗު ކޮށްދިނުންވެސް ވަނީ މަނާ ކޮށްފައެވެ.
ހޯމަ ދުވަހު އަލިބެ ނެރުއްވި ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ޓީޓީ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މެސެޖަކުން އަލިބެއަށް މައްސަލައެއް ބަލަމުންދާކަން އެންގުމާ ގުޅިގެން އެއީ އެ އެސޯސިއޭޝަނުން ކުރައްވަމުން ގެންދަވާ ކަމެއްތޯ އާއި އެފަދަ މައްސަލައެއް ބައްލަވާނަމަ އެއީ ކޮން މައްސަލައެއްކަން ސާފުކޮށްދެއްވުމަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ.
އެހެންނަމަވެސް މިއަދާ ހަމައަށްވެސް އެ އެސޯސިއޭޝަނުން ބަލަމުންދަނީ ކޮން މައްސަލައެއްކަން ސާފުކޮށްދެއްވާފައެއް ނުވޭ. އެތަކެއް ފަހަރު އެ މައުލޫމާތަށް އެދި އެދި ވެސް، ބަލަމުން ދަނީ އަޅުގަނޑާ ބެހޭ ކޮން މައްސަލައެއްކަން މިއަދާ ހަމައަށްވެސް ސާފުކޮށް ނުދެއްވައި އެތިއްބެވި ސަބަބާ މެދު އަޅުގަނޑު ހައިރާންވޭ. އަޅުގަނޑާ ގުޅޭ ގޮތުން ބަލަމުންދާ ޑިސިޕްލިނަރީ މައްސަލައަކާ ގުޅިގެން މިއަދު (28 ސެޕްޓެމްބަރ 2020) ވަނަ ދުވަހުގެ 17:00 އަށް ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމަކަށް ހާޒިރުވުމަށް އެސޯސިއޭޝަނުން ވިދާޅުވުމުން އަޅުގަނޑުވާނީ އެ ބައްދަލުވުމަށް ހާޒިރުވެފަައި.އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ)
އަލިބެއާ ގުޅޭ ގޮތުން ބަލަމުންދާ ޑިސިޕްލިނަރީ މައްސަލައަކާ ގުޅިގެން ހޯމަ ދުވަހު ޓީޓީ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ ބައްދަލުވުމަކަށް އަލިބެ ހާޒިރުވެވަޑައިގެންނެވިއިރު، އެ ބައްދަލުވުމަކީ މައްސަލައަކާ ގުޅޭ ގޮތުން އެ ކޮމިޓީގެ ރަސްމީ ޖަލްސާއަކަށް ހާޒިރު ކުރައްވައިގެން ހިންގަވާ މުއާމަލާތަކަށްވާތީ، އެބައްދަލުވުމަށް ހާޒިރުވެފައިވާނީ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލަކާ އެކުގައި ކަމަށާއި، އެހެންނަމަވެސް ވަކީލުގެ ހާޒިރުގައި މައްސަލައާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކެވުމަށް އެ ކޮމިޓީގައި ތިއްބެވި ބޭފުޅުން އުޒުރުވެރިވެ ވަޑައިގަތް ކަމަށް އަލިބެގެ ނޫސް ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
މައްސަލައިގައި ކޮމިޓީން ދައްކަވަން ބޭނުންފުޅުވި ވާހަކަ ޤާނޫނީ ވަކީލުގެ ހާޒިރުގައި ނުދައްކަވާނެ ކަމަށް ވިދާޅުވެ އަޅުގަނޑާއެކު ކުރަން އުޅުއްވި މުއާމަލާތް މިއަދު ނުކުރައްވާން ނިންމެވި. އެހެންކަމުން އަނެއްކާވެސް އަޅުގަނޑާ މެދު ތުހުމަތު ކުރެވިގެން އެ އެސޯސިއޭޝަނުން އެ އުޅުއްވަނީ ކޮން މައްސަލައެއްކަން މިވަނީ އެނގޭ ގޮތް ނުވެފައި.އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ)
މީހަކާ މެދު އެއްވެސް ރަސްމީ އިދާރާއަކުން ކުށެއްގެ ތުހުމަތު ކުރެވޭނަމަ، ނުވަތަ އިދާރީ ފިޔަވަޅެއް އަޅާނަމަ އޭގެ ސަބަބަކީ ކޮބައިކަން އެމީހަކަށް އެނގުމަކީ އެމީހަކަށް ލިބިދީފައިވާ އެންމެ އަސާސީ އެއް ހައްގު ކަމަށްވާއިރު، އެފަދަ ކުށަކުން ބަރީއަވުމަށް އެ މީހަކަށް މަސައްކަތް ކުރުމުގެ ފުރިހަމަ ހައްގު އެމީހަކަށް ލިބިދޭންޖެހޭއިރު، މިއީ ޤާނޫނީ ގޮތުން އެކަން އޮންނަ ގޮތުގެ އިތުރުން، އާންމު އިންސާނީ ހަމަތަކުން ބަލާއިރުވެސް އެކަން ކުރުމަށް އޮންނަ ގޮތް ކަމަށާއި، އަދި ވަކީން ހާއްސަކޮށް މިހާރުވެސް އެ އެސޯސިއޭޝަނުން ފިޔަވަޅު އަޅާފައިވާއިރު، އަދި އެފިޔަވަޅު އެޅީ މައްސަލައެއް ބަލަމުންދާތީ ކަމަށް ޖެނެރަލް ސެކްރެޓަރީ ވިދާޅުވާއިރު، އެންމެ ކުޑަމިނުން ބަލަމުންދާ ކަމަށް އެބުނާ މައްސަލައަކީ ކޮން މައްސަލައެއްކަންވެސް އަދިވެސް ސިއްރުކޮށްފައި އޮތުމުން އަލިބެ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެ މައުލޫމާތު އެވަނީ ވަންހަނާ ކޮށްފައެވެ. އެ އަސާސީ ހައްގު އެވަނީ ނިގުޅައިގެންފައި. މިއަދު މި ރާއްޖޭގައިވެސް "މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބައިނަލްއަގުވާމީ ދުވަސް" ފާހަގަކުރާއިރު، އަޅުގަނޑަށް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ލިބިދޭންޖެހޭ އެ މުހިންމު އަސާސީ މައުލޫމާތު ލިބިނުދީ ހިފަހައްޓަވައިގެން ތިއްބަވާ ތިއްބެވުމާއި، އެ އެސޯސިއޭޝަން ޖަވާބުދާރީ ކުރުވަން ހުރި މުއައްސަސާތައް ގަސްދުގައި ލޯމަރާލައިގެން ތިބޭ ތިބުން ރަމްޒުކޮށްދެނީ، "މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު" ހޯދުމަށް ރާއްޖޭގައި އަދިވެސް މަސައްކަތް ކުރަންޖެހިފައިވާ މިންވަރު.އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ)
އަލިބެގެ މައްސަލައާ ގުޅިގެން މީގެ ކުރިން "ރާއްޖެ.އެމްވީ" އަށް މައުލޫމާތު ދެއްވަމުން ޓީޓީ އެސޯސިއޭޝަންގެ ޖެނެރެލް ސެކްރެޓަރީ އިސްމާއިލް ސުޖާއު ވިދާޅުވީ އަލިބެގެ ޑިސިޕްލިނަރީ މައްސަލައެއް ބަލަމުން އަންނަ ކަމަށާއި، އެކަމަކު ހިންގާ ކޮމިޓީން ބަލަމުންދާ މައްސަލައަކަށް ވުމާއެކު، މައްސަލައިގެ ތަފުސީލު ހާމަކުރެވެން ނެތް ކަމަށެވެ. އެކަމަކު މައްސަލަ ބަލައި ނިމުމުން އެކަމުގެ ތަފުސީލު ހާމަކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އަލިބެގެ މައްސަލައެއް ބަލަމުން އަންނައިރު، އޭނާ އަކީ ވޭތިވެދިޔަ އެތައް އަހަރެއްގެ ގައުމީ ޓީޓީ ޓީމުގެ ކެޕްޓަންކަން ކުރައްވައި އަދި ފާއިތުވީ ދިގު މުއްދަތުގައި ގިނަ އަހަރުތަކެއްގެ ޗެމްޕިއަނުގެ އިތުރުން މިދިޔަ އަހަރުގެވެސް ފުރަތަމަ ޑިވިޝަނުގެ ޑަބަލްސް އަދި މިކްސް ޑަބަލްސްގެ ޗެމްޕިއަނެވެ. އަދި އަލިބެ އަންނަނީ ކުޑަކުދީންނަށް ކޯޗުކޮށްދެމުންވެސް މެއެވެ.
އަލިބެއާ މެދު ޓީޓީ އެސޯސިއޭޝަނުން ބަލަމުންދާ މައްސަލަ ސާފުކޮށްދީފައި ނުވާއިރު، މީގެ ކުރިން ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބުގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުއްވީ އަލިބެއެވެ. އަލިބެ އިންތިޚާބުގެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު އިންސާފުވެރި ދެފުށްފެންނަ އިންތިޚާބަކަށް ހައްދަވާދެއްވުން އެދި ޤާނޫނުގައި ބަޔާންކޮށްފައިވާ ރާއްޖޭގެ ކުޅިވަރާ ބެހޭ އެންމެހައި ފަރާތްތަކަށް ހުށަހެޅުމަށްފަހު، އެކަށީގެންވާ ގޮތެއްގައި އެކަން ކޮށްދެއްވުމަށް އެފަރާތްތަކުން އުޒުރުވެރިވެ، އެހުރިހާ ދޮރެއް ބަންދުވުމުން، އެ ފަރާތްތަކުން އިންސާފު ލިބޭނޭ ކަމަށް ޤަބޫލު ނުކުރެވޭތީ ކަމަށް ވިދާޅުވެއެވެ.
އެކަމަކު ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު ވަގުތީ ގޮތުން ފަސްކޮށްދިނުމަށް އަލިބެ ކޯޓުގައި އެދުނު ނަމަވެސް، ކޯޓުން ވަގުތީ އަމުރެއް ނެރެދީފައެއް ނުވެއެވެ. އެއާއެކު މި މަހުގެ އަށްވަނަ ދުވަހު ވަނީ ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު ބާއްވައި އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް އަލީ ރަޝީދު (އައްޔަ) އިންތިޚާބުކޮށްފައެވެ.
އަލިބެ ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުމެއް މިމަހުގެ 17 ވަނަ ދުވަހަށް ތާވަލުކުރި ނަމަވެސް، އިންތިޚާބު ނިމިފައިވުމުން އެ މައްސަލައިގެ މުއާލާތް މިހާރު ކެނޑިފައިވާ ކަމަށް ކޯޓުގައި ވިދާޅުވެ އަލިބެ ވަނީ މިމަހުގެ 16 ވަނަ ދުވަހު އަމިއްލަފުޅަށް އެމައްސަލަ އަނބުރާ ކޯޓުން ނަންގަވާފައެވެ.