ގައިޑްލައިންގައި ބުނާ ހުރިހާ މައުލޫމާތެއް ވޯޓާސް ލިސްޓުގައި ހިމަނާފައިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުން މިހެން ބުނެފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓާސް ލިސްޓަކީ ސުޕްރީމް ކޯޓުގެ ގައިޑްލައިނާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ލިސްޓެއް ނޫން ކަމަށްބުނެ ވޯޓާސް ލިސްޓްގައި ސޮއިކުރުމަށް ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ އިން ދެކޮޅު ހަދާފައިވަނިކޮށެވެ.
އީސީން ބުނީ ވޯޓާސް ލިސްޓުތައް ހުންނާނީ ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ.
ސުޕްރީމް ކޯޓުން 2013 ވަނަ އަހަރު އެކުލަވާލި ގައިޑްލައިން ބުނާގޮތުން ވޯޓުލާ މަރުކަޒުތަކުގައި ބޭނުން ކުރަން ޖެހޭނީ ހުރިހާ ކެންޑިޑޭޓުން ސޮއިކޮށްފައިވާ ވޯޓާސް ލިސްޓެކެވެ.
އެހެން ނަމަވެސް އިދިކޮޅު އެމްޑީޕީ އިން ބުނީ ސޮއިކުރާ ލިސްޓްގައި، ގައިޑްލައިންގައި ބުނެފައިވާ މައުލޫމާތުތައް ނެތް ކަމަށެވެ.
އެމްޑީޕީން ވަނީ، ލިސްޓުގައި ހުރި މައްސަލަތައް ފާހަގަކޮށް އިލެކްޝަންސް ކޮމިޝަންގެ ރައީސަށް ސިޓީއެއް ފޮނުވާފަ އެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ސުލެއިމާނަށް އެމްޑީޕީން ފޮނުވި ސިޓީގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމުރަކާއެކު ނެރިފައިވާ ގައިޑްލައިންގެ ފަސް ވަނަ ނަމްބަރުގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ މަންދޫބުން ސައްހަކަމަށް އެއްބަސްވެ، ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ލިސްޓެއް ފިޔަވައި އެހެން ލިސްޓެއް ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި އެ ލިސްޓުގައި ނަމާއި އެޑްރެހާއި، އައިޑީކާޑް ނަމްބަރު އޮންނަންޖެހޭނެކަމަށް ބުނެފައިވާކަމަށް އެމްޑީޕީގެ ސިޓީގައި ބުނެފައިވެއެވެ.
މިމައްސަލާގައި ޖުމްހޫރީ ޕާޓީން ބުނީ ލޯކަލް ކައުންސިލް އިންތިޚާބުގައި، ވޯޓްލާން ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ ލިސްޓްގައި ސޮއި ނުކުރާނެ ކަމަށެވެ.
ވޯޓާސް ލިސްޓުގައި ސޮއިކުރުމަށް ޖުމްހޫރީ ޕާޓީން ދެކޮޅު ހެދީ ލިސްޓުތަކުގައި ސޮއި ކުރުމަށް އަންގާރަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ދިއުމަށް ފަހު، އެ ކޮމިޝަނުން ތަފާތު ތިން ލިސްޓެއް ގެންގުޅޭ ކަމަށް ބުނެއެވެ.
ޖޭޕީގެ އިސް އޮފިޝަލަކު ރާއްޖެއެމްވީއަށް ބުނީ، ވޯޓާސް ލިސްޓްގައި ސޮއިކުރެވޭނީ، ކޮންމެވެސް ސައްޚަ އެއް ލިސްޓުގައި ކަމަށެވެ. އެހެންނަމަވެސް ޖޭޕީން ބުނީ، އީސީން ތަފާތު ތިން ލިސްޓެއް ގެންގުޅޭތީ، އެއީ ކޮން ތިން ލިސްޓެއްކަން ސާފު ނުވާހާ ހިނދަކު ވޯޓާސް ލިސްޓްގައި ސޮއިކުރެވެން ނޯންނާނެ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް މިހާރު ނިންމާފައި ވަނީ އަންނަ މަހުގެ ހައެއް ގައެވެ.