ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޑޫ ސިޓީ މަރަދޫ ޒެފެއަރ، ފާތިމަތު ފަރުހީޒާ އާއި ކ. ދިއްފުށީ ސްވީޓްމީޑް، ހަސަން ޝަފީއު އައްޔަންކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފިއެވެ.
ޖޭއެސްސީން ބުނީ ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކުރި އިއުލާނުގެ ދަށުން ހައިކޯޓަށް ކުރިމަތިލާފައިވާ ފަރާތްތައް "ފަނޑިޔާރުން އައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ" އިން ސްކްރީންކޮށް، އިންޓަވިއު ކުރުމަށްފަހު ކޮމިޝަނަށް ހުށަހަޅާފައިވާ ރިޕޯޓުގެ ތަރުތީބުން، "ހައިލީ ރިކޮމެންޑް" ކޮށްފައިވާ ސ. މަރަދޫ ޒެފެއަރ، ފާތިމަތު ފަރުހީޒާ އާއި "ރިކޮމެންޑް" ކޮށްފައިވާ ކ. ދިއްފުށީ ސްވީޓްމީޑް، ހަސަން ޝަފީއު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ފެންނަ ކަމަށް މިމަހުގެ 20 ވަނަ ދުވަހު ބޭއްވުނު ކޮމިޝަނުގެ މިއަހަރުގެ 68 ވަނަ ޖަލްސާއިން ނިންމާފައިވާ ކަމަށެވެ.
ޖޭއެސްސީން ބުނީ ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަގާމު މިހާރުވެސް އަދާކުރައްވަމުން ގެންދަވާ ފަރުހީޒާ ގާނޫނީ ރޮނގުން މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ބެޗްލަރ އޮފް ލޯ (އޮނަރސް) އަދި މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލް ކުރައްވާފައިވާ ކަމަށެވެ. ގާނޫނީ ވަކީލުކަމުގައި 10 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ފަރުހީޒާ ޕަބްލިކް ޕްރޮސެކިއުޓަރއެއްގެ ގޮތުގައާއި ޕްރައިވެޓް ޕްރެކްޓިސްގެ އިތުރުން، މިދާއިރާއިން ކިޔަވާދިނުމުގެ ތަޖުރިބާވެސް ހުރި ކަމަށް ޖޭއެސްސީން ބުނެއެވެ.
މީގެ އިތުރުން ހަސަން ޝަފީއުއަކީ ގާނޫނީ ރޮނގުން މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންއިން ބެޗްލަރ އޮފް ލޯ (އެލް.އެލް.ބީ) އަދި މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލްކޮށްފައިވާ ބޭފުޅެއް ކަމަށް ޖޭއެސްސީން ބުނެއެވެ. ޖޭއެސްސީން ބުނީ 2013 ވަނަ އަހަރުން ފެށިގެން ފަނޑިޔާރެއްގެ ހައިސިއްޔަތުން ފެމެލީ ކޯޓުގައާއި ސިވިލް ކޯޓުގައި މަސައްކަތްކުރައްވަމުން ގެންދަވާ ޝަފީއުއަކީ ގާނޫނީ ދާއިރާގައި 14 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެއް ކަމަށެވެ. މިދާއިރާއިން ކިޔަވާދިނުމުގެ އިތުރުން ގާނޫނުތައް ޑްރާފްޓް ކުރުމުގައ ވެސް މަސައްކަތް ކޮށްފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.