ރާއްޖެ އިން އިތުރު 67 މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މައުލޫމާތުދޭ ގޮތުގައި ސެޕްޓެމްބަރު 22 ވަނަ ދުވަހުގެ އިރުއޮށްސި 6:00ން ފެށިގެން ސެޕްޓެމްބަރު 23 ވަނަ ދުވަހުގެ އިރުއޮށްސި 6:00ށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 33 މީހުންނަކީ ދިވެހިންނެވެ. އަދި 34 މީހުންނަކީ ބިދޭސީންނެވެ.
އެގޮތުން ބުދަ ދުވަހު ޕޮޒިޓިވްވި މީހުންގެ ތެރެއިން 65 މީހުން ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވާ އިރު، އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވެފައި ވަނީ ދެ މީހުންނެވެ. މިއާއި އެކު ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 9،885ށް އަރާފައެވެ.
ރާއްޖެ އިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 62.9 އިންސައްތަ މީހުންނަކީ ދިވެހިންނެވެ. އެއީ 6،218 މީހުންނެވެ. މީގެ އިތުުރުން ބަންގްލަދޭޝްގެ 2,768 މީހުންނާއި އިންޑިއާގެ 553 މީހުންގެ އިތުރުން ލަންކާގެ 119 މީހުން ވެސް ވަނީ ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.
މިވަގުތު ރާއްޖެއިން ކޮވިޑް-19ށް 1،315 މީހުން ފަރުވާހޯދަމުން ދާއިރު، އޭގެ ތެރެއިން 656 މީހުންނަށް ފަރުވާދެމުން ދަނީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 93 މީހުންނަށެވެ.
އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 8،530 މީހުން ބަލިން ރަނގަޅުވެފައިވާ އިރު، މިބަލިޖެހުނު 34 މީހުން ވަނީ މަރުވެފައެވެ.
މީހާތަނަށް އައި އިރު، އެޗްޕީއޭ އިން ވަނީ ރިޕީޓެޑް ސާމްޕަލްސް އާއި އެކު 143،472 ސާމްޕަލް ނަގާފައެވެ.