މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ އައު ސްކޫލް "ޞަލާޙުއްދީން ސްކޫލް" ގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ކޮށްފައިވާ މި އިއުލާނުގައި ވަނީ،މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ދިވެހި ފަރާތްތަކަށް ހުޅުވާލާ ކަމަށާއި، 30 މާރިޗު 2019 އިން ފެށިގެން ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް ކަމަށެވެ.
މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުސޫލުގެ މަތިންކަމަށާއި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށްވެސް އިއުލާނުގައި ވެއެވެ.
މީގެއިތުރުން، ބީލަމުގައި ބައިވެރިވުމަށް 1,500ރ (ފަނަރަ ސަތޭކަ ރުފިޔާ ނުވަތަ 100 ޔޫ.އެސް ޑޮލަރ) ދިވެހި ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެ ކަމަށާއި ފައިސާ ބަލައިގަންނާނީ އެފައިސާ ބަލައިގަންނާނީ މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ. އަދި މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށް އެފައިސާ ދެއްކުމަށާއި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ފިނޭންސް މިނިސްޓްރީގެ އީމެއިލް އެޑްރެހަށް ފޮނުވުމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.
މިމަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓްwww.finance.gov.mvއިން މިމަހުގެ 23 އިން ފެށިގެންޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި އަދި މިބީލަންތަކާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށްވެސް އިއުލާނުގައި ބުނެފައި ވެެވެ.
ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 750,000ރ (ހަތްލައްކަ ފަންސާސް ހާސް ރުފިޔާ) ނުވަތަ އެ އަދަދާ އެއްވަރެއްގެ އަދަދެއް ޔޫ.އެސް.ޑޮލަރުން ހުށަހެޅިދާނެ ކަމަށާއި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަސް ކަމަށްވެސް އިއުލާންގައި ބުނެފައި ވެއެވެ.
ބީލަން ހުޅުވުން އޮންނާނީ އަންނަ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހު،ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށްވެސް އިއުލާނުގައި ބުނެފައި ވެއެވެ.