ރާއްޖޭގެ ޝަރުއީ ކޯޓުތަކުގެ އިސް ފަނޑިޔާރުން ކަނޑައެޅުމަށް ބާއްވާ އިންޓަވިއު މަރުހަލާއަށް ބަދަލުތަކެއް ގެންނަވައި އިސް ފަނޑިޔާރުން އައްޔަނުކުރުމުގެ އާ ގަވައިދު ގެޒެޓްކޮށްފިއެވެ.
އިސް ފަނޑިޔާރުން އައްޔަނުކުރުމުގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މީގެ ކުރިން އަމަލުކޮށްފައިވާ އުސޫލަކީ މެންބަރުންގެ މެދުގައި ސިއްރު ވޯޓެއް ނެގުމެވެ.
ސަރުކާރުގެ ގެޒެޓްގައި އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ޝަރުއީ ކޯޓުތަކުގެ އިސް ފަނޑިޔާރުން ކަނޑައަޅުމަށް ޖޭއެސްސީގެ މެންބަރުންގެ މެދުގައި މީގެ ކުރިން ސިއްރު ވޯޓެއް ނެގި ނަމަވެސް، އަލަށް އެކުލަވާލި ގަވާއިދާއެކު މެންބަރުންގެ މެދުގައި ވޯޓު ނަގަން ޖެހޭނީ އަތް އުފުލައިގެން ކަމަށެވެ. އަދި ކޯޓުތަކަށް އިސްފަނޑިޔާރުން ކަނޑައެޅޭނީ ޖޭއެސްސީގެ މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެންބަރުންގެ ފުރިހަމަ އަގުލަބިއްޔަތުން ކަމަށްވެސް ގެޒެޓްގައި ބުނެފައިވެއެވެ.
އެ ގަވާއިދުގައި "އިސް ފަނޑިޔާރު" ކަމަށް ބަޔާންކޮށްފައި ވަނީ، ދިވެހިރާއްޖޭގެ ހައި ކޯޓަށް އައްޔަނުކުރާ އެ ކޯޓުގެ އިސް ފަނޑިޔާރަށާއި، ސުޕީރިއާ ކޯޓުތަކަށް ޢައްޔަނުކުރާ އެ ކޯޓުތަކުގެ އިސް ޤާޟީންނަށާއި، ޖުޑީޝަލް ދާއިރާތަކަށް ޢައްޔަނުކުރާ އެ ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންނަށެވެ.
މީގެ އިތުރުން އައު ގަވައިދުގައި ބުނެފައިވަނީ ޖޭއެސްސީން ކޯޓުތަކުގެ އިސް ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން އެ މަގާމުތަކަށް ކުރިމަތިލާ ކޮންމެ ފަނޑިޔާރަކު އެކޮމިޝަނުން އިންޓަވިއު ކުރަންޖެހޭނެ ކަމަށެވެ. އެގޮތުން އިންޓަވިއު ކުރެވޭ ފަނޑިޔާރުންނަށް މާކްސް ދެވޭ އުސޫލަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. ކުރިން އޮންނަނީ އިންޓަވިއު ކުރެވޭ ފަނޑިޔާރުންނަށް ވަކި ޖުމްލަ އަދަދަކަށް ޕޮއިންޓް ކަނޑައެޅޭ އުސޫލެކެވެ. ނަމަވެސް އާ ގަވާއިދުގައި ވަނީ "ހައިލީ ރެކޮމެންޑެޑް" ނުވަތަ "ރެކޮމެންޑެޑް" ނުވަތަ "ނޮޓް ރެކޮމެންޑެޑް" މި ތިން ކެޓަގަރީގެ ތެރެއިން މާކްސް ދިނުމަށެވެ.
މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވާ ގްރޭޑް ލިސްޓަށް ބެލުމަށްފަހު، ލިސްޓުގައިވާ ތަރުތީބުން އެންމެ މަތިން ގްރޭޑް ކޮށްފައިވާ ފަނޑިޔާރަށް އެންމެ ފުރަތަމަ ވޯޓަށް އަހައި، ކޮމިޝަނުގެ އަޣުލަބިއްޔަތު ފުރަތަމަ ލިބޭ ފަނޑިޔާރެއް އެ ކޯޓެއްގެ އިސް ފަނޑިޔާރުކަމަށް ޢައްޔަނު ކުރަންވާނެ ކަމަށެވެ.
އަދި ދެ ފަނޑިޔާރަކަށް ނުވަތަ އެއަށްވުރެ ގިނަ ފަނޑިޔާރަކަށް ލިބިފައިވާ ޖުމުލަ މާކްސް އެއްވަރުވެއްޖެނަމަ، އިސް ފަނޑިޔާރުކަމަށް ޢައްޔަނު ކުރުމަށް ފުރަތަމަ ވޯޓަށް އަހާނެ ފަނޑިޔާރުން ކަނޑައަޅާނީ، ފަނޑިޔާރުކަމުގެ ޚިދުމަތުގައި ވީ މުއްދަތަށް ބެލުމަށްފަހުގައި ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.
އަލަށް އެކުލަވައިލި ގަވާއިދުގައި އިންޓަވިއު ކުރެވުނު ފަރާތްތަކުގެ ތެރެއިން އިސް ފަނޑިޔާރުކަމަށް ހޮވުނު ފަރާތަށް ހޮވުނުކަން އަދި ނުހޮވޭ ފަރާތަށް ނުވަތަ ފަރާތްތަކަށް ނުހޮވުނުކަން ކޮމިޝަނުން އަންގަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.