ރާއްޖޭގައި ކޮވިޑް-19 އިން ރަނގަޅުވި މީހުންގެ އިންސައްތަ 85ށް ވުރެ މައްޗަށް އަރައިފިއެވެ.
ހެލްތު މިނިސްޓްރީގެ ޑޭޝްބޯޑުން ދައްކާގޮތުގައި ރާއްޖޭގައި ކޮވިޑު ޖެހުނު 9,770 މީހުންގެ ތެރެއިން 8,390 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ. މިއާއި އެކު ބަލިން ރަނގަޅުވި މީހުންގެ އިންސައްތަ ވަނީ 85.88ށް އަރާފައެވެ.
އާދިއްތަ ދުވަހުގެ އިރުއޮއްސި 6:00ން ހޯމަ ދުވަހުގެ އިރުއޮއްސި 6:00ށް ގެ ނިޔަލަށް ޕޮޒިޓިވްވީ 46 މީހުންނެވެ. މީގެ ތެރެއިން 44 މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ. ދެ މީހަކު ޕޮޒިޓިވްވެފައިވަނީ އަތޮޅު ތެރެއިންނެވެ. މިއީ މަސް ދުވަހަށް ފަހު، 50ން ދަށުން ކޭސްތައް ރިޕޯޓްކުރި ފުރަތަމަ ފަހަރެވެ. ހޯމަ ދުވަހު 129 މީހަކު ބަލިން ރަނގަޅުވެފައިވެއެވެ.
ޑޭޝްބޯޑުން އިތުރަށް ފެންނަން ހުރި ތަފާސް ހިސާބުތަކަށް ބަލާލާއިރު މިހާތަނަށް ރާއްޖެއިން 9700ށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު އޭގެތެރެއިން 6,157 މީހުންނަކީ ދިވެހިންނެވެ. އެއީ ރާއްޖެއިން ރިޕޯޓުކޮށްފައިވާ ކޭސްތަކުގެ 63.02 އިންސައްތައެވެ.
ބާކީ 36.98 އިންސައްތައަކީ ބިދޭސީންނެވެ. އެގޮތުން 2,736 ބަންގްލަދޭޝް ރައްޔިތުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެއީ ރާއްޖެއިން ރިޕޯޓުކޮށްފައިވާ ކޭސްތަކުގެ 28 އިންސައްތައެވެ. މިހާތަނަށް ރާއްޖެއިން އިންޑިއާގެ 542 މީހަކު ކޮވިޑަށް ޕޮޒިޓިވްވި ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާއިރު އެއީ 5.55 އިންސައްތަ މީހުންނެވެ.
ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 6,804 މީހުންނަކީ ފިރިހެނުންނެވެ. އަދި 2,946 މީހުންނަކީ އަންހެނުންނެވެ.