އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރުމުގެ ބަދަލުގައި އެއްޗެހި ގޮވާ މުޒާހަރާ ކުރުމަކީ ބިރުހުރި ކަމެއް ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލު ދެމި އޮންނަނީ ޒަމާނުއްސުރެ ގެންގުޅެމުން އަންނަ ހަރުދަނާ ހާރިޖީ ސިޔާސަތުތަކުގެ ސަބަބުންކަން ފާހަގަކުރައްވާ މަވޯޓާ ޝަރީފް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރަށް އިންޑިއާ ސަރުކާރުން ގިނަގުނަ އެހީތެރިކަން ފޯރުކޮށްދުމުން ދަނީވެސް މިދެންނެވި އުސޫލުގެ ތެރެއިން އަމަލުކުރަމުންދާތީ ކަމަށެވެ.
އިންޑިއާ އާއި ދެކޮޅަށް މުޒާހަރާކޮށް އެފަރާތަށް ރައްދުވާ ގޮތަށް ބަދުބަސް ބުނުމަކީ އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ނޫންކަން ފާހަގަކުރައްވާ މަވޯޓާ ޝަރީފް ވިދާޅުވީ ރާއްޖެއާ އެންމެ ގާތުގައި އޮތް އަވަށްޓެރި ގައުމާއެކު ގާތް ގުޅުމެއް ބޭއްވުމަކީ ރާއްޖޭގެ އިސްތިގުލާލު ދެމެހެއްޓުމަށްޓަކައި ބޭނުންތެރި މުހިންމު ކަމެއް ކަމަށެވެ. އަދި ހަމައެއާއެކު ދުނިޔޭގެ އެހެން ގައުމުތަކާއެކުވެސް އެފަދަ ގާތް ގުޅުންތައް ބޭއްވުމަކީވެސް ރާއްޖެ ފަދަ ގައުމަކަށް ކޮންމެހެންވެސް ކުރަންޖެހޭ މުހިންމު ކަމެއް ކަމަށެވެ.
މި މޭރުމުން ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، އިންޑިއާ އެކޭ އެއްގޮތަށް ޗައިނާއަކީވެސް ރާއްޖެއިން ގުޅުން ބަދަހި ކުރަންޖެހޭ މުހިންމު ގައުމެއް ކަމަށާއި، އެގައުމަކީ ރާއްޖޭގެ ތަރައްގީއަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްދެވޭނެ އަދި ކޮށްދީފައިވާ ގައުމެއް ކަމަށެވެ.
ޝަރީފް ވިދާޅުވީ ރާއްޖެ އަންނަ ފަތުރުވެރިންގެ 45 އިންސައްތައަކީ ޗައިނާގެ ފަތުރުވެރިން ކަމަށެވެ. އެގޮތުން ޗައިނާގެ ފަތުރުވެރިން ރާއްޖެ އަންނަ އަދަދު އިތުރު ކުރުމަށާއި އިގްތިސާދީ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ޗައިނާއާއި ބާއްވާ ގުޅުން އިތުރަށް ބަދަހިކުރަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އިންޑިއާއަކީ އަޅުގަނޑުމެންގެ ޓްރޭޑިންގެ އެންމެ ބޮޑު ގައުމު. އެހެންވީމަ އިންޑިއާއަށް ނުވާނެ ބަދުބަސް ބުނެ ޑިޕްލޮމެޓިކް އުސޫލާ ހިލާފު ވާހަކަތައް ދައްކައިގެނެއް. ޒިންމާދާރު ސިޔާސީ ޕާޓީއަކަށް ނުވޭ އިދިކޮޅު ޕާޓީ މިނޫން ގޮތަކަށް އަމަލުކުރާ ކަމަށްވާނަމަ. އެއީ މާދަމާ ވެރިކަމަށް ހަވާލުވާން އޮންނަ ޕާޓީ. އަޅުގަނޑު ގަބޫލުކޮށްގެން މިހުރީ ބައެއް އިންޑިވިޑުއަލް މީސް މީހުންނޭ އެގޮތަށް އިންޑިއާ އައުޓް ކިޔާފަ ޓްވީޓުތައް ކުރަނީ. އެއީ ޕީޕީއެމް ޕީއެންސީގެ ރަސްމީ ޕޮޒިޝަން ނޫން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ."އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް
ޝަރީފް ވިދާޅުވީ ރާއްޖޭގެ ފަސްޓް ޕޮލިސީގެ ގޮތުގައި އިންޑިއާ ވެފައިވަނީ މިއަދަކު ނޫން ކަމަށެވެ. އޭނާ ފާހަގަކުރެއްވީ މީގެ އެތައް ޒަމާނެއްގެ ކުރިންވެސް ރާއްޖޭގައި ރަސްކަންކުރި ހިސާބުން ފެށިގެންވެސް އިންޑިއާ އަކީ ރާއްޖޭގެ ފަސްޓު ޕޮލިސީ ކަމަށެވެ. އަދި މިހާތަނަށް ރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ބޭފުޅުންގެވެސް ފަސްޓް ޕޮލިސީއެއްގެ ގޮތުގައި ނެންގެވީ އިންޑިއާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އިންޑިއާ އައުޓޭ ކިޔައި އެގައުމަށް ހިތު ހުރިހާ އެއްޗެއް ގޮވަނީ ޒިންމާދާރު އިދިކޮޅު ޕާޓީއަކުން ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.